ކުޑަހުވަދޫގައި އިއްޔެ ކުރިއަށްގެންދިޔަ ދަރުހުގެ ތެރެއިން -
ދ. ކުޑަހުވަދޫގައި ދިރިއުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ޚާއްޞަ ދީނީ ދަރުހެއް އިއްޔެ އެ ރަށުގައި ބާއްވައިފިއެވެ.
ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫ.އައި.އެސް) އިން އިންތިޒާމުކޮށް ކުޑަހުވަދޫ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ މި ދަރުސް ބާއްވާފައިވަނީ ކުޑަހުވަދޫ މަލްޓީ ޕަރޕަސް ހޯލުގައެވެ.
މި ދަރުހުގައި މަޢުލޫމާތު ދެއްވީ ޖަމްޢިއްޔަތުއް ސަލަފުގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ބަނގުލަދޭޝްގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުކައްރަމް ބިން މުޙްސިން މަދަނީއެވެ. "އުޞޫލުއް ޘަލާޘަ" ނުވަތަ ތިން އުޞޫލުގެ މައްޗަށް ބިނާކޮށް ދެއްވި މި ދަރުހުގައި ދީނީ ގޮތުން އެނގުން މުހިންމު އަސާސީ ގިނަ ކަންތައްތަކަކަށް އަލިއަޅުއްވާލައްވާފައިވާ ކަމަށް ޔޫ.އައި.އެސް އިން ބުނެއެވެ.

ކުޑަހުވަދޫގައި މަސައްކަތްކުރާ 450 އަށްވުރެ ގިނަ ބިދޭސީން މި ދަރުހުގައި ބައިވެރިވެފައިވެއެވެ. ދަރުހަށްފަހު ބިދޭސީންގެ އަމިއްލަ އިސްނެގުމާއެކު ޚާއްޞަ ރޯދަވީއްލުމެއް ވެސް ވަނީ ބާއްވާފައެވެ.
ޔޫ.އައި.އެސްގެ ރައީސް އިސްމާޢީލް ޢާދިލް ވިދާޅުވީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމުގައި ކުޑަހުވަދޫ ކައުންސިލާއި ޖަމްޢިއްޔަތުއް ސަލަފުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި މިފަދަ ދަރުހެއްގެ މަޤްޞަދަކީ ގިނަ އަދަދެއްގެ ބިދޭސީން ރަށުގައި އުޅޭއިރު އެމީހުންގެ އުޅުމާއި އަޚްލާޤް ހެޔޮ މަގަށް އެޅުވުމަށް ނަޞޭޙަތްތެރިވެ ބާރުއެޅުމެވެ.

ޔޫ.އައި.އެސް އިން ބުނީ މިފަދަ ދަރުސްތަކަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ދީނީ އަސާސްތައް އޮޅުންފިލުވައިދިނުމަށް ކުރެވޭ ވަރަށް އަގުހުރި މަސައްކަތްތަކެއް ކަމަށް އެ ޖަމްޢިއްޔާއިން ދެކޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް