"މަޖިލީހަށް ހުށަހަޅާ ޕެޓިޝަންތަކުގައި ސޮއިކުރާނީ މަޖިލީހުން އާއްމުކޮށް ހުޅުވާލުމުން"

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އާންމުންގެ ޕެޓިޝަންތަކުގައި ސޮއިކުރަންވާނީ، އެކަމަށް މަޖިލީހުގެ އިދާރާއިން ރަސްމީކޮށް ހުޅުވާލުމުން ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މަޖިލީހުން މިކަން ފާހަގަކުރީ، އ...

11 Feb 2026 | 10:25
ރައްޔިތުންގެ މަޖިލީހުގައި ޖަލްސާ ކުރިއަށްދަނީ /ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގައި ޖަލްސާ ކުރިއަށްދަނީ /ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އާންމުންގެ ޕެޓިޝަންތަކުގައި

ސޮއިކުރަންވާނީ، އެކަމަށް މަޖިލީހުގެ އިދާރާއިން ރަސްމީކޮށް ހުޅުވާލުމުން ކަމަށް

އެ އިދާރާއިން ހާމަކޮށްފިއެވެ.

މަޖިލީހުން މިކަން ފާހަގަކުރީ، އަލަށް ތައާރަފުކުރި އީ-ޕެޓިޝަން ޕޯޓަލް

މެދުވެރިކޮށް ހުށަހަޅާ ޕެޓިޝަންތައް ބަލައިގަތުމުގެ ކުރިން ބައެއް ފަރާތްތަކުން

ސޮއި އެއްކުރަމުންދާކަން ފާހަގަކުރެވިގެންނެވެ.

މަޖިލީހުގެ އިދާރާއިން ތަފްސީލުކޮށްދިން ގޮތުގައި، ޕޯޓަލް މެދުވެރިކޮށް

ޕެޓިޝަނެއް ހުށަހެޅުމަށް ފުރަތަމަ ބޭނުންވަނީ 5 މީހުންގެ ސޮއިއެވެ. އެއަށްފަހު،

މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ޕެޓިޝަން ކޮމިޓީގެ މުވައްޒަފުން އެ ލިޔުމުގެ

ޝަރުތުތައް ހަމަވޭތޯ ބަލާނެއެވެ. އާންމުންނަށް ސޮއިކުރުމުގެ ފުރުސަތު ހުޅުވާލާނީ

މި މަރުހަލާ ނިމި، ޕެޓިޝަންގެ ސައްހަކަން ކަށަވަރުވުމުންނެވެ. މަޖިލީހުން ބުނީ،

ރަސްމީކޮށް ހުޅުވާނުލާހާ ހިނދަކު އެއީ މަޖިލީހުން ބަލައިގެންފައިވާ ޕެޓިޝަނެއްގެ

ގޮތުގައި ނުބެލެވޭނެ ކަމަށާއި، އެއީ ހުށަހަޅާ ފަރާތުގެ އަމިއްލަ ލިޔުމެއް ކަމަށެވެ.

އެހެންކަމުން، އެއްވެސް ޕެޓިޝަނެއްގައި ސޮއިކުރުމުގެ ކުރިން، އެއީ މަޖިލީހުގެ

ޕޯޓަލްގައި "ސޮއި ހޯދަމުންދާ ޕެޓިޝަން" އެއްގެ ގޮތުގައި

ޝާއިއުކޮށްފައިވާ އެއްޗެއްތޯ ޔަގީންކުރުމަށް މަޖިލީހުން ވަނީ

އިލްތިމާސްކޮށްފައެވެ. މި ޑިޖިޓަލް ޕޯޓަލްއަކީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން

ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ހެދިފައިވާ ނިޒާމެކެވެ. މީގެ ސަބަބުން

މެންބަރުން މެދުވެރިނުކޮށް ކޮންމެ ރަށެއްގައި ހުރެގެންވެސް ޕެޓިޝަން ހުށަހެޅުމުގެ

ފުރުސަތު ލިބިގެންދެއެވެ.

މި ނިޒާމުގެ ތެރެއިން ޕެޓިޝަންތަކުގެ ކުރިއެރުން ބަލާލެވޭއިރު، ސޮއިކުރާ

ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކުރަނީ 'އީ-ފާސް' މެދުވެރިކޮށެވެ. އަދި ލިބޭ

ސޮއިގެ އަދަދަށް ބަލައި، މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މި ނިޒާމުގެ

ތެރެއިން ވަނީ މަގުފަހިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް