އެ މީހާ - މަގްޝޮޓް: ފުލުހުން
ވައިބާ އެކައުންޓެއްގެ ކޮންޓްރޯލް ހޯދައި، އެ އެކައުންޓުގެ ވެރިފަރާތުގެ
ނަމުގައި އޮޅުވާލައިގެން 150،000 އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި
ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދަށް އިއްޔެ ކޯޓުން އިތުރު 30 ދުވަސް ދީފިއެވެ.
މި މައްސަލައާ ގުޅިގެން ދައުވާ
އުފުލާފައިވަނީ ހުޅުމާލެ ފުލެޓު 06-2-39، އުމުރުން 39 އަހަރުގެ ޙަސަން އަޒުރާހުގެ
މައްޗަށެވެ.
މިދިޔަ ނޮވެންބަރު މަހުގެ 30ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު
މި މައްސަލައާ ގުޅިގެން އަޒުރާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ
ޑިސެންބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ
އެހެން މީހެއްގެ ވައިބާ ބޭނުންކޮށްގެން އެކި މީހުންނާ މުއާމަލާތްކޮށް، މަކަރާއި
ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ބަންދުގެ މަޖިލީހުގައި ދައުލަތުން ވަނީ
އަޒުރާހުގެ މައްޗަށް މިހާރު ދައުވާ އުފުލާފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް،
ކޯޓުގައި އޭނާ ބުނެފައިވަނީ އޭނާ ކުރިހާވެސް ކަމަކީ ކާޑުގެ ވެރިފަރާތުން އެދިގެން
ފައިސާ ނަގައިދިނުން ކަމަށާއި، އެ ނޫން އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާނެ
ކަމަށެވެ.
އަޒުރާހު އެންމެ ފުރަތަމަ 15 ދުވަހަށް ބަންދުކުރި ނަމަވެސް، ކުށް
ތަކުރާރުކުރުމުގެ ފުރުސަތު އޮތް ކަމަށް ބަލައި ކޯޓުން ވަނީ މީގެ ކުރިންވެސް އޭނާގެ
ބަންދު މުއްދަތު އިތުރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން މީގެ
ކުރިންވެސް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ގ. މާލޭހިޔާ 1-16-03 އަޙްމަދު ޙައްސާން (33އ) އާއި ނ. މަނަދޫ / ވެށި،
ޙުސައިން ސަމާޙު (33އ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް