ކުޑަކުދިންނަަށް ސޯޝަލްމީޑިއާ މަނާކުރަން މަޖިލީހަށް ޕެޓިޝަނެއް

ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ކޮންޓްރޯލް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ނިޒާމު މެދުވެރިކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. އެ ޕެޓިޝަން މަޖިލީހަށް ހުށަހަޅާފައިވަ...

11 Feb 2026 | 04:52
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ކޮންޓްރޯލް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ނިޒާމު މެދުވެރިކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެ ޕެޓިޝަން މަޖިލީހަށް ހުށަހަޅާފައިވަނީ އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް މެދުވެރިކޮށް އިއްޔެއެވެ.

އެ ޕެޓިޝަނުގައި އެދިފައިވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތައް ކަމަށްވާ ފޭސްބުކާއި ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ މަންސަތަކަށް ނުވަދެވޭ ގޮތަށް ގާނޫނުތައް އިސްލާހު ކުރުމަށެވެ.

އެގޮތުން އެ ޕެޓިޝަން ހުށަހެޅި ފަރާތުން ބުނީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަހުލާގީ އަމަލުތައް ދަސްވަމުންދާ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން މިކަން ހުއްޓުވުމަށްޓަކައި، ކަނޑައެޅޭ ވަކި އުމުރަކަށް ވުރެ ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާނަމަ، ބެލެނިވެރިންނަށް ނަސޭހަތްތެރިވުމާއި ކައުންސެލިން ދެވޭނެ ނިޒާމެއް ގާއިމްކުރުމަށް ވެސް އެ ޕެޓިޝަނުގައި ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން އެކަން ތަކުރާރުވާނަމަ ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް މައްސަލަ ބެލޭނެ ބާރުތަކެއް ދިނުމަށް ވެސް އެ ޕެޓިޝަނުގައި ވަނީ އެދިފައެވެ.

ސޯޅަ އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ކޮންޓްރޯލް ކުރުމަށް ގޮވާލައި ހުށަހެޅި އެ ޕެޓިޝަނުގައި ތައުލީމީ މަރުކަޒުތަކުގެ އަދަބު އަހުލާގު ހިފެހެއްޓުމަށްޓަކައި، ސްކޫލްތަކާއި ކޮލެޖުތަކަށް ދަރިވަރުން މޯބައިލް ފޯނު ވެއްދުން މަނާކުރާ ގަވާއިދެއް އެކުލަވާލުމަށް ވެސް ބާރުއަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް