ހޯމް މިނިސްޓަރު އަލީ އިހުސާން -
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްޢާން ވަޙީދު ކުރައްވަމުން ގެންދަވަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި، ފުލުހުން ހޯދާފައިވާ ހެކިތަކުން ފްރޭމް ކުރި ކަމުގެ ވާހަކައިގައި ހަޤީޤަތެއް ނެތްކަން ސާފު ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
އިޙުސާން ވިދާޅުވީ ޝަމްޢާން ތަކުރާރުކޮށް ކުރައްވާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ނެތް ކަމަށާއި، ޝަމްޢާން ހައްދަވަނީ ދޮގުކަން ކުރިން ވެސް މީޑިއާގައި ދަންނަވާފައި ވާނެ ކަމަށެވެ. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފައިވާ ކަމަށް ވެސް އިޙުސާން ވިދާޅުވިއެވެ.
ޝަމްޢާން އިއްޔެ ހުކުމް އިއްވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ދައުލަތުން ކުރާ ތުހުމަތުތަކަކީ އޭނާ ފްރޭމް ކުރަން އުފެއްދި ކަންތައްތަކެއް ކަމަށެވެ. ޝަމްޢާން ތުހުމަތު ކުރެއްވީ ހޯމް މިނިސްޓަރު އިޙުސާން ލައްވައި ބަންގަލަދޭޝް ވާރކް ޕާމިޓް އެޕްރޫވްކޮށް ކޯޓާއަށް ކޮރަޕްޝަންގެ ގޮތުގައި 8،000 ރުފިޔާ ނަގާ ކަމުގެ ވާހަކަ ރައީސަށް ދެންނެވުމުން މި މައްސަލަ ފެށުނީ ކަމަށެވެ. މި ސަރުކާރަކީ މިވަގުތު ރާއްޖޭގައި އޮންނަން ހެޔޮވާވަރުގެ ސަރުކާރެއް ނޫން ކަމަށް ވެސް ޝަމްޢާން ވިދާޅުވިއެވެ.
ޝަމްޢާންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެއީ މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރާއި، ފޭރުމުގައި ބައިވެރިވުމުގެ ކުށުގައި އަށް އަހަރާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ދެ އަހަރެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ އަތުން ފަސް ލައްކަ ރުފިޔާ ފޭރުނު މައްސަލައިގައި ޝަމްޢާންގެ މައްޗަށް ތިން ދައުވާ ސާބިތުވީއެވެ.
ޖަލު ހުކުމުގެ އިތުރުން ޝަމްޢާން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި، ފޭރުނު ފައިސާ ތިން މަސް ތެރޭގައި އެ ބިދޭސީ މީހާއަށް އަނބުރާ ދެއްކުމަށް ވެސް ހުކުމުގައި އަންގާފައިވެއެވެ. މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް އިޙުސާން ވިދާޅުވީ އެންމެ ބޮޑު އަދަބު ކަނޑައެޅީ ޝަމްޢާންގެ ޢަމަލުގެ ސަބަބުން އިމިގްރޭޝަންގެ އަގު ވެއްޓިފައިވާތީ ކަމަށެވެ.
ޝަމްޢާން ކޮންޓްރޯލަރުގެ މަޤާމުން ވަކިކުރީ މާރިޗް 21 ގައެވެ. އޭގެ އެއް ދުވަސް ފަހުން ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުކުރީ އެޕްރީލް ހައެއްގައެވެ. ބަންދުގައި 278 ދުވަސް ހޭދަކުރުމަށް ފަހު ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެންބަރު 25 ގައެވެ. ޝަމްޢާނާ އެކު އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހަކު ވެސް ހައްޔަރުކޮށް، އޭގެ ތެރެއިން ބައެއް މީހުން ދައުލަތާ އެކު އިޢުތިރާފު އެއްބަސްވުން ހެދިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް