ހެޔޮ ޢަމަލުތައް ގިނަކޮށް ފާފަތަކުން ދުރުހެލިވުމަށް ޚުޠުބާގައި ނަސޭހަތްތެރިވެއްޖެ

ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ހެޔޮ ޢަމަލުތައް ގިނަކޮށް، ފާފަތަކުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ. "ޙުރުމަތްތެރިވެގެންވާ މައްސަރުތައް" މި މައުޟޫއަށް ޚާއްޞަކޮށ...

10 Apr 2026 | 07:14
N/A

N/A

ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ހެޔޮ ޢަމަލުތައް ގިނަކޮށް، ފާފަތަކުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

"ޙުރުމަތްތެރިވެގެންވާ މައްސަރުތައް" މި މައުޟޫއަށް ޚާއްޞަކޮށްގެން ދެއްވި ޚުޠުބާގައި ބުނީ، މާތް ﷲ ގެ ޙިކުމަތްވަންތަކަމާއި ރަޙުމަތްވަންތަކަމުން ބައެއް ވަގުތުތަކާއި މައްސަރުތައް ޚާއްޞަކުރައްވައި މާތްކުރައްވާފައިވާ ކަމަށެވެ. އެއީ އަޅުތަކުން އެކަލާނގެ ޙަޟުރަތަށް ކުއްތަންވެ، އެކަލާނގެ ޝިޢާރުތައް މަތިވެރިކޮށް ކިޔަމަންތެރިކަން އަދާކުރުމަށް ޓަކައި ކަމަށެވެ.

ޚުޠުބާގައި ބުނީ، އަހަރެއްގެ 12 މަހުގެ ތެރެއިން ހަތަރު މަހަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެ ހަތަރު މައްސަރަކީ ވިދިވިދިގެން އަންނަ ޛުލްޤަޢިދާ މަހާއި ޛުލްޙިއްޖާ މަހާއި މުޙައްރަމް މަހުގެ އިތުރުން ރަޖަބު މަސް ކަމަށް ޙައްޖަތުލްވަދާޢުގައި ކީރިތި ރަސޫލާ ﷺ ބަޔާންކޮށްދެއްވާފައިވާ ކަމަށެވެ. އަދި ޖާހިލިއްޔަ ޒަމާނުގެ ޢަރަބީން އެ މައްސަރުތައް ހިތުހުރި ގޮތަކަށް ބަދަލުކުރަމުން ދިޔަ ކަމަށް ވެސް ޚުޠުބާގައި ފާހަގަކުރިއެވެ.

ޚުޠުބާގައި އިތުރަށް ބުނީ، ކޮންމެ ޒަމާނެއްގައި ވެސް ފާފައަށް އަރައިގަތުމަކީ މާތް ﷲ ގެ ކޯފާ ޙައްޤުވާނެ ކަމެއް ކަމަށާއި، ވަކީން ޚާއްޞަކޮށް ޙުރުމަތްތެރި މައްސަރެއްގައި ފާފައިގެ ނުބައިކަން އިތުރަށް ބޮޑުވެގެންވާ ކަމަށެވެ. އެހެންކަމުން މި ފަދަ މައްސަރެއް ބައްދަލުވުމުން ޛިކުރުކުރުމާއި ދުޢާކުރުމާއި ޤުރްއާން ކިޔެވުމާއި ރޯދަހިފުމާއި ޞަދަޤާތްކުރުމާއި ނިކަމެތީންނަށް އެހީތެރިވުން ފަދަ ހެޔޮ ޢަމަލުތައް ގިނަކުރުމަށް ގޮވާލެއްވިއެވެ.

ހަމައެއާ އެކު ޣީބަބުނުމާއި ދޭތެރެޖެއްސުމާއި ދޮގުހެދުމާއި މީހުންނަށް އެއްޗެހި ގޮވުން ފަދަ ނުބައި ޢަމަލުތަކުން ދުރުހެލިވެ، މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ޚުޠުބާ ނިންމާލީ ނަސޭހަތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް