"އަލައިކާ އެނގޭތަ!" ކުއިޒް ލޯންޗު ކުރުމަށް ރޭގައި ބޭއްވި ހަރަކާތުގެ ތެރެއިން - ފޮޓޯ: ދުވަސް
މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕެއިން ކުއިޒް "އަލައިކާ އެނގޭތަ؟" ރޭ އިފްތިތާހުކޮށްފިއެވެ.
މި ކުއިޒުން އެއް ވަނައަށް އަންނަ ފަރާތަކަށް އުމުރާ ދަތުރެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
އަލައިކާގެ ކެމްޕެއިން ޓީމުން ބުނީ މި ކުއިޒް އިފްތިތާހުކޮށްފައިވަނީ މާފަންނު ބިސް ބުރު ސަރަޙައްދުގައި ބޭއްވި ހަރަކާތެއްގައި ކަމަށެވެ. އެ ޓީމުން ބުނި ގޮތުގައި މިއީ މާލެ ސިޓީގައި ވޯޓުލާ ފަރާތްތަކަށް އަލައިކާ ތަޢާރަފްކޮށްދީ، މާލެ ސިޓީއަށް އަލައިކާ ދެކެން ބޭނުންވާ ތަސައްވަރު ވީހާވެސް ގިނަ އާއިލާތަކަށް ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކުއިޒް ކުރިއަށްދާނީ 10 މާރޗް 2026 އިން 29 މާރޗް 2026 އާ ހަމައަށް ކަމަށް އެ ޓީމުން ބުންޏެވެ.
ކެމްޕެއިން ޓީމުން ހާމަކުރި ގޮތުގައި މި ކުއިޒްގައި ކޮންމެ ދުވަހަކު alaika.mv ގައި އަލައިކާއާ ގުޅޭ ސުވާލެއް ގެނެސްދޭނެއެވެ. އެ ސުވާލުގެ ޖަވާބު ކޮންމެ ދުވަހެއްގެ ރޭގަނޑު 12:00 އާ ހަމައަށް ވެބްސައިޓަށް ފޮނުވޭނެއެވެ. ކޮންމެ ދުވަހެއްގެ ސުވާލަށް ރަނގަޅު ޖަވާބު ފޮނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، އެ ދުވަހުގެ އިނާމު ލިބޭ ފަރާތެއް ޖެހިގެން އަންނަ ދުވަހު ވެބްސައިޓުގައި އިޢުލާންކުރާނެ ކަމަށް އެ ޓީމުން ބުންޏެވެ. އަދި ކުއިޒްގެ ހުރިހާ ސުވާލުތަކަށް ރަނގަޅު ޖަވާބު ފޮނުވާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، މުޅި ކުއިޒުން އެއް ވަނައަށް އަންނަ ފަރާތަކަށް އުމުރާ ދަތުރެއް ދިނުމަށް ކަނޑައެޅިފައިވާ ކަމަށްވެސް އެ ޓީމުން ބުންޏެވެ.
މި ކުއިޒްގެ މީޑިއާ ޕާޓްނަރަކީ އެމްއެމްޓީވީއެވެ. ކުއިޒްގެ އިނާމުތައް ސްޕޮންސަރކޮށްފައިވަނީ ވީއޭވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަމަށް ކެމްޕެއިން ޓީމުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް