ރައީސުލްޖުމްހޫރިއްޔާ، ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފައިލް ފޮޓޯ: ރައީސް އޮފީސް
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގެ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ޝަރުތު ފުރިހަމަވާ ދިވެހި ޒުވާނުންނަށް ޑިފެންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ، ފުރިހަމަ ޞިއްޙަތެއްގައި ހުރި ފަރާތްތަކަށެވެ. އުމުރުން 18 އަހަރު ނުފުރޭ ކުދިން ބައިވެރިކުރެވޭނީ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތް ނަމައެވެ. ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދެވޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ތިން މަސް ދުވަހުގެ މި ތަމްރީނު ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައި، ޅ. މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައެވެ. ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދެވޭނެ ކަމަށާއި، ތަމްރީނު ފުރިހަމަކުރުމަށްފަހު ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު އެ ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2026 އެޕްރީލް 5 ވަނަ ދުވަހުގެ 14:00 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް