N/A
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލަން އިއުލާނުކުރުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެއީ ހިޔާނާތުގެ މައްސަލައެއްގައި ހިފެހެއްޓި ތަކެތި ކަމަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާގެ މަތިން ނީލަމުގައި ވިއްކާލަން ނިންމީ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި، 2025 ޑިސެމްބަރު 29 ވަނަ ދުވަހު ކ. ތިލަފުށީ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކެއް ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ޑިސެމްބަރު 31 ވަނަ ދުވަހުއެވެ. ތަހުގީގުން އެނގުނު ގޮތުގައި، ތިލަފުށިން މާލެ ގެނެސް ދެ ގެއެއްގައި ރައްކާކޮށްފައި ހުއްޓާ، ކޯޓު އަމުރެއްގެ ދަށުން އެ ތަންތަން ބަލައި ފާސްކޮށް ޖުމްލަ 1,438 ކިލޯގެ ހުއިފިލަނޑާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނެއެވެ.
ފުލުހުން ބުނީ މި ވިޔަފާރި ކުރި ފަރާތްތަކަކީ ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދު (R-3/2025) ގެ ދަށުން ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން ކަމަށެވެ. އަދި މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތުން ވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ތަކެތީގެ މިލްކުވެރިކަމާ މެދު ޚިލާފު އުފެދި ހަގީގީ ވެރިފަރާތް ދެނެގަނެވިފައި ނުވާތީ، ޕީޖީ އޮފީހުން ލަފާދެއްވާފައިވަނީ ހަލާކުވެދާނެ ތަކެތި ނީލަމުގައި ވިއްކާލައި، ލިބޭ ފައިސާ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށެވެ. މައްސަލަ ނިމުމުން ވެރިފަރާތް ކަމަށް ކަނޑައެޅޭ ފަރާތަށް އެ ފައިސާ ދޫކުރެވޭނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ލަފާދެއްވައިފައެވެ.
ތުހުމަތުކުރެވޭ ފަރާތުން މި މުދާ ހޯދުމަށް އެދި ޖެނުއަރީ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް، ޝަރީއަތުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ހުރަހެއް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް