މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން /ފޮޓޯ: މަޖިލިސް
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
އެއްކޮށް ބާއްވާ ގޮތަށް ޤާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލުގެ ކޮމިޓީ ރިޕޯޓަށް
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސް ބޮޑު ޒުވާބަކަށް ބަދަލުވެ،
އިދިކޮޅު އެމްޑީޕީގެ ހަ މެމްބަރެއްގެ ނަން އިއްވައި ތަޅުމުން ނެރެފިއެވެ.
ދެ އިންތިޚާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން އިނގުރައިދޫ
ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހެޅުއްވި އެ ބިލު މިނިވަން މުއައްސަސާތަކުގެ
ކޮމިޓީން ފާސްކުރީ އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ. ކޮމިޓީން ނިންމީ ދެ އިންތިޚާބު
އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބާއްވާ ރިފަރެންޑަމް، އޭޕްރީލް މަހު
ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކުގައި ބޭއްވުމަށެވެ.
މިއަދުގެ ޖަލްސާގައި އެ ރިޕޯޓަށް ބަހުސް ފެށުމާ އެކު
ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ނުރުހުން ފާޅުކުރައްވަން ފެއްޓެވިއެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ތަކުރާރުކޮށް ނަސޭހަތް ދެއްވުމަށްފަހު ފުރަތަމަ
އިއްވެވީ އޭނާގެ ނަމެވެ. އެއަށްފަހު ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު
(ފިއްޓޭ) ނުރުހުން ފާޅުކުރެއްވީ، ބަހުސްގައި ބައިވެރިވާން ފުރަތަމަ ފުރުޞަތަށް އެދިފައި
ވަނިކޮށް ޕީއެންސީގެ ޕީޖީ ލީޑަރު ފަލާޙަށް ފުރުޞަތު ދެއްވި ކަމަށް ތުހުމަތުކޮށެވެ.
އެ ހިސާބުން ނިޒާމު ގެއްލި ޕީއެންސީ މެންބަރުންނާއި
އެމްޑީޕީ މެންބަރުންނާ ދެމެދު ބޮޑު ޒުވާބެއް ހިނގިއެވެ. ރިޔާސަތުން ނަން އިއްވައި ތަޅުމުން
ނެރުނީ މެންބަރު ޒިޔާދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މީކާއީލް އަޙްމަދު ނަސީމާއި،
ކެޔޮދޫ ދާއިރާގެ މުޙައްމަދު ނިއުޝާދާއި، ހުޅުމާލެ ދެކުނު ދާއިރާގެ ޑރ. އަޙްމަދު ޝަމްހީދާއި،
މާވަށު ދާއިރާގެ އަޙްމަދު ޝާކިރެވެ. ކެންދޫ ދާއިރާގެ މައުރޫފް ޒާކިރުގެ ނަން ވެސް ކުރިން
އިއްވިއެވެ.
ނަން އިއްވި ނަމަވެސް އެ މެންބަރުން ނުކުމެވަޑައިނުގެންނެވުމުން،
ސެކިއުރިޓީ މެދުވެރިކޮށް ނެރުމަށްޓަކައި ޖަލްސާ މެދުކަނޑާލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް