މުދާ ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ ބޯޓެއް ފެލިދޫ ކަނޑަށް އަޑިއަށް ދަނީ

މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ވ. އަތޮޅަށް އަޑިއަށް ދާން ފަށައިފި އެވެ. ފުލުހުން ބުނީ "ޖަޒީރާ" ނަމަކަށް ކިޔާ ބޯޓު ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށް ދާކަމުގެ...

09 Jul 2026 | 14:53
"ޖަޒީރާ" ބޯޓޫ އަޑިއަށް ގޮސްފައި --

"ޖަޒީރާ" ބޯޓޫ އަޑިއަށް ގޮސްފައި --

މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ވ. އަތޮޅަށް އަޑިއަށް ދާން ފަށައިފި އެވެ.

ފުލުހުން ބުނީ "ޖަޒީރާ" ނަމަކަށް ކިޔާ ބޯޓު ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށް ދާކަމުގެ ރިޕޯޓު ކުރީ މެންދުރު ފަހު 3:26 ހާއިރު ކަމަށެވެ. އޭގެން ދަތުރު ކުރި އެންމެން ސަލާމަތް ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ބޯޓުން ހަތް މީހުން ދަތުރު ކުރި އެވެ. އެއީ ހަތަރު ބިދޭސީންނާއި ތިން ދިވެހިންނެވެ. އެމީހުން ސަލާމަތް ކުރީ ފުލުހުންގެ އެހީތެރިކަމާއި އެކު ކަމަށާއި މިހާރު އެންމެން ފެލިދޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފުން ވަނީ އެ ބޯޓުން ކަނޑަށް ދޫވި ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ. މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ވ.ފެލިދޫގެ ފަސް ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށްކަމަށް ލަފާކޮށްފައިވެ އެވެ.

ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ މީޑީއާގައި ވިދާޅުވީ ބޯޓު އަޑިއަށް ދިޔައީ ކޮޅިގަނޑެއްގައި ޖެހިގެން ކަމަށެވެ. ބޯޓުގެ ވެރިފަރާތާއި ހަވާލާދީ ސައުދު ވިދާޅުވީ ބޯޓު އެއްކޮށް އަޑިއަށް ނުދާނެ ގޮތް ހެދުމަށް ފީފާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓުގެ ބޮޑުބައި އޮތީ ފެނު އަޑީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް