އައިޝާ ސަފާރީގައި ކުއްލި ރެއިޑެއް ކޮށް މަނާ ބޭހާއި މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ދެ ބިދޭސީއަކު ހައްޔަރު

ކޯޓު އަމުރެއްގެ ދަށުން "އައިޝާ ސަފާރީ" އަށް ފުލުހުން އަރައި ބަލައިފާސްކުރުމުގެ ތެރޭގައި މަނާ ބޭހާއި މަސްތުވާތަކެއްޗާއި ގިނަ ޢަދަދެއްގެ ބަނގުރާ ފުޅި ފެނި، ދެ ބަންގަލަދޭޝް ރައްޔިތަކު ހައްޔަރުކޮށް ބަންދު...

09 Jun 2026 | 15:23
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ހަދާފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ހަދާފައިވާ ފޮޓޯއެއް -

ކޯޓު އަމުރެއްގެ ދަށުން "އައިޝާ ސަފާރީ" އަށް ފުލުހުން އަރައި ބަލައިފާސްކުރުމުގެ ތެރޭގައި މަނާ ބޭހާއި މަސްތުވާތަކެއްޗާއި ގިނަ ޢަދަދެއްގެ ބަނގުރާ ފުޅި ފެނި، ދެ ބަންގަލަދޭޝް ރައްޔިތަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި ކަމަށް ބަންދު އަމުރުން އެނގިއްޖެއެވެ.

ހައްޔަރުކޮށްފައި ވަނީ އެމް ޑީ ފަޒްލީ ރަބީ (26 އަހަރު) އާއި އެމް ޑީ ޝަހަޖަން ސަވަލް (36 އަހަރު) އެވެ. ފަޒްލީ ރަބީ 16 ދުވަހަށް ބަންދުކޮށްފައިވާ އިރު، ޝަހަޖަން ބަންދުކޮށްފައި ވަނީ 30 ދުވަހަށެވެ. ދެ މީހުން ވެސް ބެހެއްޓީ ކަސްޓޯޑިއަލް ޖަލުގައެވެ.

ބަންދު އަމުރުތަކުގައިވާ ގޮތުން ކޯޓު އަމުރެއްގެ ދަށުން އައިޝާ ސަފާރީއަށް ފުލުހުން އެރި ވަގުތު މި ދެ މީހުން ދުވެފައި ގޮސް ސަފާރީގެ ޑެގް މަތީ ފަހަތުގައި ހަދާފައި ހުރި ރޫމަކަށް ވަނީއެވެ. ފުލުހުން މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައި، އެކަކު ލައިގެން ހުރި ސޯޓުގެ ޖީބުގައި އޮތް ކެމެލް ސިނގިރޭޓް ފޮށީގެ ތެރެއިން ރަބަރު ޕެކެޓެއްގައި ޝައްކުކުރެވޭ 10 ގުޅަ ބޭސް ފެނުނެވެ. އަދި ދެ މީހުންގެ ޖީބުން ގިނަ ޢަދަދެއްގެ ފައިސާ ވެސް ފެނިފައިވެއެވެ.

މީގެ އިތުރުން މި ދެ މީހުން ތިބި ކޮޓަރީގެ މޭޒެއްގެ މަތީގައި ހުރި ލަކުޑި ފޮށީގެ ތެރެއިން ސިނގިރޭޓް ފޮށީގެ ތެރެއިން ރަބަރު ޕެކެޓެއްގައި ޝައްކުކުރެވޭ 24 ގުޅަ ބޭސް ފެނިފައިވެއެވެ. ޖުމްލަ 34 ގުޅަ ބޭހުގެ ވަގުތީ ބަރުދަނުގައި ހަތަރު ގްރާމް ހުރި ކަމަށް ބެލެވެއެވެ. އެ ކޮޓަރިންނާއި ސަފާރީގެ ވަތު އަޑިންނާއި އިންޖީނުގެ ތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ ގިނަ ޢަދަދެއްގެ ފުޅިތަކެއް ވެސް ފެނިފައިވެއެވެ. މި ތަކެއްޗަކީ މީހަކު ވިއްކަން ދީފައި ހުރި ތަކެތި ކަމަށާއި ވިއްކައިގެން މީނާއަށް މަންފާ ހޯދާފައިވާ ކަމަށް ބުނެފައިވެއެވެ.

ދެ މީހުންގެ ޔޫރިން ސާމްޕަލް ވެސް ސީއޭޓީ، އޭއެމްޕީ އަދި ޓީއެޗްސީއަށް ޕޮޒިޓިވް ވެފައިވެއެވެ. ބަންދުގައި ބެހެއްޓީ ދޫކޮށްލައިފި ނަމަ ފިލުމުގެ އިޙުތިމާލު އޮތުމާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭތީ ކަމަށް ގާޒީ ޢަލީ ނަދީމް ކަނޑައެޅުއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް