ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްޢާނަށް 25 އަހަރުގެ ޖަލު ހުކުމެއް

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަޤާމުން ވަކިކުރި މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ތިން ދައުވާއެއް ސާބިތުވެ، 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ޝަމްޢާންގެ މައްޗަށް ...

09 Jun 2026 | 15:04
ޝަމްއާންގެ މައްޗަށް ހުކުމް އިއްވި ވަގުތު، އޭނާ ޝަރީއަތުގެ މަޖިލީހުގައި -

ޝަމްއާންގެ މައްޗަށް ހުކުމް އިއްވި ވަގުތު، އޭނާ ޝަރީއަތުގެ މަޖިލީހުގައި -

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަޤާމުން ވަކިކުރި މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ތިން ދައުވާއެއް ސާބިތުވެ، 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޝަމްޢާންގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއަކީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑްރިންގެ ދައުވާއެވެ. ހުކުމް ބެހިފައި ވަނީ މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރާއި، ފޭރުމުގައި ބައިވެރިވުމުގެ ކުށުގައި އަށް އަހަރާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ދެ އަހަރެވެ. ތަޙުޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި ޖަލުގައި ހޭދަކުރި ނުވަ މަހާއި ދިހަ ދުވަސް އަދަބުން އުނިކުރުމަށް ވެސް ހުކުމުގައި ވެއެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއް ޝަމްޢާންގެ އަމުރަށް ދޫކޮށްލުމަށް ފަހު، އެ ބިދޭސީ މީހާގެ އަތުގައި ހުރި ފަސް ލައްކަ ރުފިޔާ ފޭރިގެންފައިވާ ކަމަށެވެ. އިމިގްރޭޝަންގެ މުވައްޒަފުން އެ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް ފައިސާ ހިފައިގެން ގޮސް ވަނީ ޝަމްޢާން ދިރިއުޅޭ އިމާރާތަށް ކަމަށް ދައުވާގައި ވެއެވެ. ފޭރުނު ފައިސާގެ ތެރެއިން 400،000 ރުފިޔާ ޝަމްޢާންގެ އަތުގައި ބެހެއްޓި ކަމަށާއި، އޭގެ ތެރެއިން ބައެއް ފައިސާ އޭނާގެ ނަމުގައި ނަގާފައިވާ ލޯނުތަކަށް ދެއްކި ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ޖަލު ހުކުމުގެ އިތުރުން ޝަމްޢާން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި، ފޭރުނު ފަސް ލައްކަ ރުފިޔާ ތިން މަސް ތެރޭގައި އެ ބިދޭސީ މީހާއަށް އަނބުރާ ދެއްކުމަށް ވެސް ހުކުމުގައި އަންގާފައިވެއެވެ. އަދި ޝަމްޢާންގެ ގެއިން ފެނުނު ފައިސާގެ ތެރެއިން 125،000 ރުފިޔާ ދައުލަތަށް ނެގުމަށް ވެސް ހުކުމުގައި ވެއެވެ.

މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް އިޙުސާން ވިދާޅުވީ އެންމެ ބޮޑު އަދަބު ކަނޑައެޅީ ޝަމްޢާންގެ ޢަމަލުގެ ސަބަބުން އިމިގްރޭޝަންގެ އަގު ވެއްޓިފައިވާތީ ކަމަށެވެ. އިމިގްރޭޝަންގެ އެންމެ އިސް ފަރާތުގެ ގޮތުގައި ހުރެ ބިދޭސީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް މަސައްކަތްކޮށްފައިވާ ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް