އާ ވަޒީރު މިއަދު އެ ވުޒާރައިގާ - ފޮޓޯ: މާލީ ވުޒާރާ
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ވަޒީރަކަށް ޢައްޔަންކުރެއްވި ޙަސަން ޒަރީރު މިއަދު ވުޒާރާގެ މަސައްކަތާ ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.
ވުޒާރާގެ އިސް ބޭފުޅުންނާއި މުވައްޒަފުން ވަނީ އާ ވަޒީރަށް މަރުޙަބާ ދަންނަވައި ތަހުނިޔާ ވިދާޅުވެފައެވެ. ވުޒާރާއިން ބުނީ ޒަރީރުގެ އިސްކަން ދެއްވާ ދާއިރާތަކުގެ ތެރޭގައި ދައުލަތުގެ މާލީ ހިންގުން ހަރުދަނާ ކުރުމާއި، މާލީ ދެމެހެއްޓެނިވިކަން ޔަޤީން ކުރުމާއި، ސަރުކާރު ކުންފުނިތައް އިޞްލާޙު ކުރުން ހިމެނޭ ކަމަށެވެ.

ޒަރީރު މި މަޤާމަށް ޢައްޔަންކުރެއްވީ އިއްޔެއެވެ. ކުރިން އެ މަޤާމުގައި ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވީ ސިއްޙީ ސަބަބުތަކަށްޓަކައެވެ. ޒަމީރު މާލީ ވަޒީރުގެ މަޤާމު ފުރުއްވަމުން ގެންދެވީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު 30 އިން ފެށިގެންނެވެ. ޒަރީރު ވަޒީރުކަމަށް ޢައްޔަންކުރެއްވުމާ ހަމައަށް ހުންނެވީ ޓެކްސް ކޮމިޝަނަރުގެ މަޤާމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް