މެދު އިރުމަތީގެ މަސްރަހާއި ގުޅިގެން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޕީސީބީއިން އަންގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި، ދައުލަތުގެ ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބް...

09 Apr 2026 | 17:22
N/A

N/A

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި، ދައުލަތުގެ ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުން ޚަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގައިފިއެވެ.

ޕީސީބީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ފިޔަވަޅުތަކަށް އަމަލުކުރަން ފެށުމަށް ކުންފުނިތަކަށް އަންގާފައިވަނީ ނިމުނު މާރިޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ. ޖުމްލަ 16 ފިޔަވަޅެއް ތަންފީޒުކުރުމަށް ވަނީ އަންގައިފައެވެ.

އެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރުމާއި، ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުމާއި، މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް ހުއްޓާލުމާއި، ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން ނުނެގުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް ހުއްޓާލުމާއި، ބޭރަށް ކުރާ ދަތުރުތައް މަދުކޮށް އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމާއި، ރަސްމީ ދަތުރުތަކުގައި ބިޒްނަސް ކްލާހުން ދަތުރު ނުކުރުމާއި، ޓްރެއިނިން ދަތުރުތައް ހުއްޓާލައި އޮންލައިންކޮށް ބައިވެރިވުމަށް ވެސް ވަނީ އަންގައިފައެވެ. އަދި ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް މެނުވީ ނުބޭއްވުމާއި، ހަފްލާތަކަށް ކުރާ ހަރަދު ކުޑަކުރުމާއި، ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ ވީ އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރުމަށް ވެސް ވަނީ އަންގައިފައެވެ.

ޕީސީބީން ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިޤްތިޞާދަށް ކުރާނެ އަސަރުތައް ދިރާސާކޮށް، ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އެޅުމަށް ވެސް ކުންފުނިތަކަށް އިލްތިމާސްކޮށްފައެވެ. މި ފިޔަވަޅުތަކަށް ވަގުތުން އަމަލުކުރަން ފެށުމަށް ކުންފުނިތަކަށް ވަނީ އަންގައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް