އަހުމަދު މޫސާ މުހައްމަދު (އަންމަޓީ)
ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) އާ ދެކޮޅަށް ހުށަހެޅި ހިޔާނާތުގެ 42 ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ 2021 ވަނަ އަހަރު އުފުލި ދައުވާތަކެކެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އަންމަޓީގެ މައްޗަށް އުފުލާފައިވާ މި ދައުވާތަކަކީ ޖިނާއީ ކުށަކަށްވުރެ ބޮޑަށް މަދަނީ މުއާމަލާތްތަކަކާ ގުޅުންހުރި ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް މައްސަލަ ބެއްލެވި ގާޒީ ވަނީ ނިންމަވާފައެވެ.
މި ނިންމުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އަންމަޓީގެ އަމަލުތަކަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ ހިޔާނާތުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ކަންތައްތަކެއް ކަމަށް އެ އޮފީހުން ގަބޫލުކުރާ ކަމަށެވެ. އަދި ކޯޓުން މި މައްސަލަ ނިންމާފައިވަނީ ހެކިތަކަށް ފުރިހަމައަށް ރިއާޔަތްކުރުމެއް ނެތި، ގާނޫނު މާނަކުރުމުގައި ގޯސްތަކެއް ހަދައިގެން ކަމަށް ވެސް ޕީޖީ އޮފީހުން ފާހަގަކުރިއެވެ.
ކްރިމިނަލް ކޯޓުގެ މި ހުކުމް ބަލައިނުގަނެ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް