ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ސަލްމާ ރާއްޖެ ގެންނަނީ

ޚާރިޖީ ވުޒާރާގެ "ވަކި މަސައްކަތްތަކެއް" ގައި ބައިވެރިކުރުމަށް، ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ރާއްޖެ ގެނައުމަށް ނިންމާފައިވާ ކ...

09 Apr 2026 | 09:14
ޑރ. ސަލްމާ ރަޝީދު

ޑރ. ސަލްމާ ރަޝީދު

ޚާރިޖީ ވުޒާރާގެ "ވަކި މަސައްކަތްތަކެއް" ގައި ބައިވެރިކުރުމަށް، ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ނަމަވެސް އެ ވުޒާރާއިން ވާހަކަ ދެއްކެވި އޮފިޝަލް އެ މަސައްކަތްތަކުގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. ސަލްމާ މަޤާމުން ވަކިކުރި ކަމުގެ އަޑުތައް ފެތުރިފައި ވީ ނަމަވެސް، ޚާރިޖީ ވުޒާރާގެ އޮފިޝަލް ވިދާޅުވީ ސަލްމާ މަޤާމުން ވަކިކޮށްފައި ނުވާ ކަމަށާއި ސަރުކާރުން ރަސްމީކޮށް އެފަދަ އެއްވެސް ބަޔާނެއް ނެރެފައި ނުވާ ކަމަށެވެ.

"ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމުގައި ސަލްމާ އަދިވެސް ދެމިހުންނެވީ،" އެ އޮފިޝަލް ވިދާޅުވިއެވެ.

ސަލްމާގެ މައްސަލައިގައި ސަމާލުކަން ލިބުނީ، ސަލްމާގެ ދައްތަ، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ އޯޑިއޯ ރެކޯޑިންގެއް ލީކުވުމާ ގުޅިގެންނެވެ. އެ އޯޑިއޯގައި އަސްމާ ބުނާ ކަމަށް ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވުނީ އޭނާ ނެތީސް ނޫން ކަމަށެވެ. ނަމަވެސް ޚާރިޖީ ވުޒާރާއިން ބުނީ ސަލްމާ މި ވަގުތު ރާއްޖެ ގެނައުމާ އަސްމާގެ އޯޑިއޯއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އަސްމާގެ ދަރިފުޅު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ޔޫއޭއީއަށް ކަނޑައަޅާފައި ހުންނެވި ދިވެހި ސަފީރުގެ މަޤާމުން އިއްޔެ ވަކިކޮށްފައެވެ. ނަމަވެސް އަސްމާގެ ދަރިފުޅު، ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް މަޤާމުން ވަކިކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް