މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ރާއްޖޭގެ ކުންފުންޏަކުން ވަޒީފާ ހޯދައިދޭ ކަމަށް ބުނެ، ފޭކު ލިޔެކިޔުންތައް ހަދައިގެން މީހުން އަތުން ލައްކައިން ފައިސާ ނަގަމުންދިޔަ 38 އަހަރުގެ މީހަކު އިންޑިއާގެ ނޮއިޑާ ފުލުހުން ހައްޔަރުކޮށްފިއެވެ.
ރާމްޕޫރު ޑިސްޓްރިކްޓަށް ނިސްބަތްވާ އިޝާޤު ޔޫނުސް ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކުރީ ބުދަ ދުވަހު ހިންދޮން ރިވާ ބްރިޖް ކައިރިންނެވެ. އެ މީހާ ވަޒީފާ ނެތް މީހުން ޓާގެޓުކޮށް، ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށްގެން މީހުން ހައްދައި، ކޮންމެ މީހެއް އަތުން 1.5 ލައްކަ ރުޕީސް އާއި ދެ ލައްކަ ރުޕީސްއާ ދެމެދުގެ އަދަދެއް ނެގި ކަމަށް ފުލުހުން ބުނެއެވެ.
އެ މީހާގެ އަތުން ރާއްޖޭގެ "ކްރިޓޮނިކާ" ކިޔާ ކުންފުންޏެއްގެ ނަމުގައި ހަދާފައިވާ 50 ފޭކު ވޯކް ޕާމިޓާއި، ތިން އެގްރީމެންޓް ލެޓާ އާއި، ތިން ކޮންޓްރެކްޓް ލެޓާ އާއި، ފޭކު އާދާރު ކާޑެއްގެ ފޮޓޯކޮޕީ އާއި ތިން މޯބައިލް ފޯނު ފުލުހުން އަތުލައިގެންފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޔޫނުސް، މީހުންގެ އިތުބާރު ހޯދުމަށް "ސަންތޯޝް" ނަމުގައި ފޭކު އައިޑެންޓިޓީއެއް ބޭނުންކޮށް، އެ ނަމުގައި ހެދި ފޭކު އާދާރު ކާޑު ދައްކައިގެން އޮޅުވާލަމުން ދިޔައެވެ. އެ މީހާގެ މައްޗަށް މަކަރާއި ހީލަތް ހެދުމާއި، ލިޔެކިޔުން ފޯޖުކުރުމާއި ޖިނާއީ ރޭވުންތެރިކަމުގެ ދައުވާ އުފުލައި، ބައިވެރިން ހޯދުމުގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް