N/A
ދިވެހިރާއްޖެއާއި ބަންގްލަދޭޝް އާއި ދެމެދުގައި
ޝިޕިން ލައިނެއް ފެށުމާއި ހަލާލު ކާބޯތަކެތީގެ ސިނާއަތުގެ ވިޔަފާރި ރާއްޖޭގައި
ފުޅާ ކުރުމާއިމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ބަންގްލަދޭޝް އިން
ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޑރ. އެމްޑީ ނަޒްމލް އިސްލާމާއި
ރާއްޖޭގެ ފަތުރުވެރިކަމާއިބެގޭ ވުޒާރާގެ ވަޒީރު މުހައްމަދު އަމީން އާއި ދެމެދު
ހޮނިހިރު ދުވަހު ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމެއްގައެވެ.
މަޝްވަރާގެ އެ ބައްދަލުވުމުގައި ދަތުރުފަތުރުގެ
ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއިމެދު މަޝްވަރާކުރި ކަމަށް
ބަންގްލަދޭޝްގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
މަޝްވަރާ ކުރެވުނު ދާއިރާތަކުގެ ތެރޭގައި ދެ ޤައުމުގެ
ދެމެދުގައި ދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާވުމުން ވިޔަފާރީގެ މުޢާމަލާތްތައް
އިތުރުވުމައި ލޮޖިސްޓިކްސް ޚަރަދުތައް ކުޑަވުމުގެ ފުރުޞަތު ބޮޑު ކަމާއި މެދު
މަޝްވަރާ ކުރެވުނު ކަމަށް ބުނެފައިވެއެވެ .
ދެ ޤައުމުގެ ދެމެދުގައި ކަނޑު ދަތުރު ފަތުރުގެ ސީދާ
ނިޒާމެއް ގާއިމު ކުރެވިއްޖެނަމަ ތަކެތި އެއް ޤައުމުން އަނެއް ޤައުމަށް
ގެންދިއުމާއި ވިޔަފާރީގެ މުއާމަލާތްތައް އިތުރުވުމާއި ދެ ޤައުމަށްވެސް ނަފާ މަންފާ
ވާނެކަމާއި ދެ ފަރާތުންވެސް ގަބޫލުކުރާކަމަށްވެސް ބުނެފައިވެއެވެ.
ހަމަ އެހެންމެ އެކަމަށް ޢަމަލީ ސިފައެއް ގެނައުމަށް
ޑައިރެކްޓް ޝިޕިންގ ލައިނެއް ފެށުމާއިމެދު ދެ ޤައުމުން އެއްބަސްވުމަކަށް
ދިއުމާއިމެދު މަޝްވަރާ ކުރި ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ބަންގްލަދޭޝް އަކީ ސަޓިފައިޑް ހަލާލު
ކާބޯތަކެތި އުފެއްދުމުގެ ވަރުގަދަ މާކެޓެއްކަން ހައި ކޮމިޝަނަރު
ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ގުޅުން
ބަދަހިވުމާއެކު އެފަދަ ތަކެތި ރާއްޖެ އެތެރެކުރުމުގައި ރަނގަޅު ސަޕްލައި ޗޭނެއް
އުފެދިގެންދާނެކަންވެސް ހައި ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
އެފަދަ ގުޅުމެއްގެ ސަބަބުން ސަރަހައްދީ ސަޕްލައި ޗެއިން
އިތުރަށް ވަރުގަދަވެ ދެ ޤައުމުގެ ގުޅުންވެސް އިތުރަށް ވަރުގަދަވެގެންދާނެކަމުގައި
ވަޒީރު އަމީންވެސް ފާހަގަކުރެއްވި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް