N/A
ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދީ، އެކަންކަމަށް ގޮވާލާ
ސިޔާސީ ފިކުރަކީ، މި ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢުގައި ފުރުޞަތު ދީގެންވާނޭ
ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)
ގެ އޮފީސް ހުޅުވުމަށް ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޖުވާކުޅުމަކީ ޖިނާޢީ ކުށެއްކަމުގައި ކަނޑައެޅުއްވުމަށްޓަކައި،
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން
ހުށަހަޅުއްވާފައިވާ ބިލާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރާކަން
މިރޭގެ ޙަފުލާގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދޭ
ފިކުރުގައި މަސައްކަތްކުރާނޭ ފަރާތްތަކައް އިންތިޚާބުތަކުން ފުރުޞަތު ލިބިގެންދިއުން
ވެގެންދާނީ، އަޅުގަނޑުމެން އަމިއްލައަށް ކުރާ ގޯސްކަމަކަށް ކަމަށެވެ.
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ހުރިހާ އާދައެއްވެސް
ހުންނަންވާނީ އިސްލާމީ ޤައުމެއްގައި ހުންނަންޖެހޭ ގޮތަށްކަމަށާއި، އެ ޤައުމެއްގެ ކަންކަން
އިސްލާޙުކުރެވޭނީ އެ ޤައުމެއްގެ ފަރުދުންގެ އެފަދަ ޚިޔާލާތެއް ހުރިއްޔާކަން އެމަނިކުފާނު
ހަނދުމަފުޅުކޮށްދެއްވިއެވެ.
މި ސަރުކާރުން އެންމެ އިސްކަންދެނީ އިސްލާމް ދީނަށް
ނަޞްރުދީ، އިސްލާމްދީނުގެ ހަމަތަކުގެ މަތީން ކަންކަން ބައްޓަންކުރުމަށްކަމަށް ވިދާޅުވެ،
އެ ގޮތުގެމަތީން ކުރައްވަމުންދާ ބައެއް މަސައްކަތްތަކަށްވެސް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.
އެގޮތުން މަސާޖު ޕާލަރތަކުގެ ނަމުގައި ބަދުއަޚުލާޤީ ޢަމަލުތަކުގެ ވިޔަފާރި ހިންގާ ތަންތަން
ބަންދުކުރުމަށް ފައްޓަވާފައިވާ މަސައްކަތްތަކުގައި ހިމެނިގެން ގާތްގަނޑަކަށް އެއް މަސްދުވަހުގެ
ތެރޭގައި، މާލޭ ސިޓީއިން އެކަނި، މިފަދަ 104 ތަނެއް ބަންދުކުރެވިފައިވާކަމަށް އެމަނިކުފާނު
ވިދާޅުވިއެވެ. މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، ވަކި ޢަދަދަކަށްވުރެ
ގިނައިން މަސްތުވާތަކެތީގެ ވަގުފާރި ކުރާމީހުންނަށް މަރުގެ އަދަބު ކަނޑައެޅޭގޮތަށް
ޤާނޫނު އިސްލާޙުކުރައްވައި ތަސްދީޤުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ލޯކަލް ޓޫރިޒަމްގެ ޤަވާއިދު އިޞްލާހުކުރައްވައި، ސަފާރީތައް ހިންގުމުގެ ޤަވާއިދާ،
މީހުން ދިރިއުޅޭ ސަރަޙައްދުގައި ގެންގުޅެންޖެހޭނޭ މިންގަނޑާއެކު، ދާދި އަވަހަށް ގެޒެޓުކުރެވޭނޭކަމަށްވެސް
އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އިސްލާޙީ މަސައްކަތްތައް ތަންފީޒުކުރުމުގައި ކައުންސިލްތަކުން
މުހިންމު ދައުރެއް އަދާކުރަންޖެހޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިޔާސީ އޮއިވަރުގައި ދިވެހީންގެ ޝަޚްޞިއްޔަތު ދޫކޮށްލުމަކީ
ގޯހެއްކަމަށާއި، ސިޔާސީ މީހުން ސިޔާސީ މަޤްޞަދުގައި ދައްކާ ވާހަކައާ މެދު، އަޞްލަށް
ރުޖޫޢަވެ، ތަޢައްޞަބުން އެއްކިބާވެ ހުރެ އަމިއްލަ ސިކުނޑިން ވިސްނައި، މިނެކިރައިފި
މީހަކަށް، އެކަން ޤަބޫލުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް