ޑރ. ސަލްމާ ރަޝީދު
ޖެނީވާގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަޤާމުން ވަކިކުރެއްވިތާ ދެ ދުވަސް ފަހުން އެ ވަޒީފާ އަލުން އިޔާދަކޮށްދީފިއެވެ.
ސަލްމާ އާއި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވަޒީފާއިން ވަކިކުރީ މިދިޔަ ހޯމަ ދުވަހުއެވެ. މި ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ އާއި ދަރިފުޅެވެ. އެ ބޭފުޅުން މަޤާމުތަކުން ވަކިކޮށްފައި ވަނީ އަސްމާ އާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
ޚާރިޖީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ސަލްމާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓް މިހާރު ކެންސަލްކޮށްފައިވާ ކަމަށް އަންގާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަސްމާގެ ދަރިފުޅު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޙުސައިން ޝަރީފު ވެސް ވަކިކުރި ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް، އޭނާ މަޤާމުން ވަކިނުކުރާ ކަން މިހާރު ވަނީ ޔަޤީންވެފައެވެ.
މި ބޭފުޅުން މަޤާމުތަކުން ވަކިކުރީ ސޯޝަލް މީޑިއާގައި ދައުރުވި އޯޑިއޯއެއްގައި މެންބަރު އަސްމާ ހިމެނޭހެން ދެ މީހަކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ މައްސަލައާ ގުޅިގެންނެވެ. މި ކަން ހިނގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް