އީރާނުން ހުށަހެޅި ހުށަހެޅުންތަކަށް އެމެރިކާ އެއްބަސްވުމުން އީރާނުން ދެކެނީ ކާމިޔާބީއެއް ކަމަށް

ދެ ހަފުތާގެ ސީޒްފަޔާ އިއުލާންވުމާ އެކު، އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި މިއީ އީރާނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށް، ހަނގުރާމައިގެ "ގާތްގަނޑަކަށް ...

08 Apr 2026 | 04:52
އީރާނުގެ ރައްޔިތުން އަންނަނީ މަގުތަކަށް ނިކުމެ އުފާ ފާޅުކުރަމުން -

އީރާނުގެ ރައްޔިތުން އަންނަނީ މަގުތަކަށް ނިކުމެ އުފާ ފާޅުކުރަމުން -

ދެ ހަފުތާގެ ސީޒްފަޔާ އިއުލާންވުމާ އެކު، އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި މިއީ އީރާނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށް، ހަނގުރާމައިގެ "ގާތްގަނޑަކަށް ހުރިހާ ލަނޑުދަނޑިއެއް" ހާސިލުވެފައިވާ ކަމަށް ބުނެފިއެވެ.

ކައުންސިލުގެ ބަޔާނުގައި ބުނީ "ދުޝްމަނު، އީރާނުގެ ޤައުމާ ދެކޮޅަށް ކުރި ބޭއިންސާފު، ޣައިރު ޤާނޫނީ، ޖިނާއީ ހަނގުރާމައިގައި ދެކޮޅު ހެދެން ނެތް، ތާރީޚީ، ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ" ކަމަށެވެ. ބަޔާނުގައި އީރާނުގެ ރައްޔިތުންނަށް މި ކާމިޔާބީ އަށް މަރުހަބާ ކިޔައި، ކާމިޔާބީގެ ފަހު ތަފްސީލުތައް ނިމެންދެން ރައްޔިތުންނާއި ވެރީން އެކަތިގަނޑެއްގެ ގޮތުގައި ހަރުދަނާކަން މަތީ ތިބެންޖެހޭ ކަމަށް ބުނެފައިވެއެވެ.

އީރާނުން ދައުވާކުރާ ގޮތުގައި، ސީޒްފަޔާގެ ދަށުން އެމެރިކާ ވަނީ އީރާނުގެ 10 ނުކުތާގެ ޕްލޭން ގަބޫލުކޮށްފައެވެ. އީރާނުން ބުނާ ގޮތުގައި އެ ޕްލޭންގައި ހިމެނެނީ އީރާނުގެ ސިފައިންނާ ކޯޑިނޭޓް ކޮށްގެން ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރެވޭ ގޮތް ހެދުމާއި، ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، އެމެރިކާ ސިފައިން ސަރަހައްދުގެ ހުރިހާ ބޭސްތަކުން ފޭބުމާއި، ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދެވޭ ގޮތް ހެދުމެވެ. ނަމަވެސް ވައިޓްހައުސް އިން މި ދައުވާތަކަށް ސީދާ ރައްދެއް ދީފައެއް ނުވެއެވެ. ވައިޓްހައުސްގެ ތަރުޖަމާނު ކެރޮލީން ލެވިޓް ބުނީ "މިއީ ރައީސް ޓްރަމްޕާއި އެމެރިކާގެ ފައުޖުން ހޯދައިދިން ކާމިޔާބީއެއް" ކަމަށެވެ.

ކައުންސިލުން ފާހަގަކުރީ މިއީ ހަނގުރާމަ ނިމުމެއް ނޫން ކަމަށެވެ. ބަޔާނުގައި ބުނީ "އަތް އޮތީ ޓްރިގާ މަތީ، ދުޝްމަނު ކުޑަ ވެސް ގޯހެއް ހެދިއްޖެ ނަމަ ފުރިހަމަ ބާރުގައި ރައްދު ދޭނެ" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް