ސީޒްފަޔާއާ އެކު ތެލުގެ އަގު ވެއްޓި، ހިއްސާގެ ބާޒާރުތައް އުފުލިއްޖެ

އެމެރިކާ އާއި އީރާނު ދެ ހަފުތާގެ ސީޒްފަޔާއަކަށް އެއްބަސްވުމާ އެކު ދުނިޔޭގެ ތެލުގެ އަގު ބޮޑު ތަނުން ވެއްޓި، ގާތްގަނޑަކަށް ހަ އަހަރު ތެރޭ ނުފެންނަ ވަރުގެ ވެއްޓުމެއް ރެކޯޑް ކޮށްފިއެވެ. ބައިނަލްއަޤުވާމީ ބ...

08 Apr 2026 | 02:20
މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

އެމެރިކާ އާއި އީރާނު ދެ ހަފުތާގެ ސީޒްފަޔާއަކަށް އެއްބަސްވުމާ އެކު ދުނިޔޭގެ ތެލުގެ އަގު ބޮޑު ތަނުން ވެއްޓި، ގާތްގަނޑަކަށް ހަ އަހަރު ތެރޭ ނުފެންނަ ވަރުގެ ވެއްޓުމެއް ރެކޯޑް ކޮށްފިއެވެ.

ބައިނަލްއަޤުވާމީ ބެންޗްމާކް ބްރެންޓް ކްރޫޑް %16 ވެއްޓި ފީފާއެއް 91.70 ޑޮލަރަށް ދިޔައިރު، އެމެރިކާގެ ބެންޗްމާކް ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް (ޑަބްލިޔުޓީއައި) %19 ވެއްޓި 94 ޑޮލަރަށް ވުރެ ދަށަށް ދިޔައެވެ. މިއަދުގެ ކުރީކޮޅު ޑަބްލިޔުޓީއައި 117 ޑޮލަރަށް ވެސް އެރިއެވެ. ހަނގުރާމަ ފެށުނު ފެބްރުއަރީ ފަހުކޮޅާ އަޅައިބަލާ އިރު ތެލުގެ އަގު %70 އަށް ވުރެ މަތީގައި ހުރި ނަމަވެސް، ސީޒްފަޔާ އިއުލާނާ އެކު ބާޒާރަށް ވަގުތީ ހަމަޖެހުމެއް ލިބިފައިވެއެވެ.

ތެޔޮ ވެއްޓުމާ އެކު ހިއްސާގެ ބާޒާރުތައް ބޮޑު ތަނުން އުފުލުނެވެ. އެސް އެންޑް ޕީ 500 ފިއުޗާޒް %2.5 އަށް ވުރެ މައްޗަށް ދިޔައިރު، ޑައު ފިއުޗާޒް 1،000 ޕޮއިންޓް އުފުލި، ނެސްޑެކް ފިއުޗާޒް ގާތްގަނޑަކަށް %3 މައްޗަށް ދިޔައެވެ. އޭޝިއާގެ ހިއްސާގެ ބާޒާރުތައް ވެސް %2.6 އުފުލުނެވެ.

ނަމަވެސް ތެލުގެ ބާޒާރުގެ ތަޖުރިބާކާރުން ބުނީ، ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރު ހަމައަކަށް އެޅެން ވަގުތު ނަގާނެ ކަމަށާއި، ޝިޕިން ކުންފުނިތަކުން ކަނޑުއޮޅި ބޭނުންކުރާނީ ރައްކާތެރިކަމާ މެދު ފުރިހަމައަށް ޔަގީންކަން ލިބުމުން ކަމަށެވެ. އެމެރިކާގެ ގޭސް އަގު މިހާރު ހުރީ ގެލެނެއް 4.14 ޑޮލަރުގައެވެ. ސީޒްފަޔާ ދެމިއޮވެއްޖެ ނަމަ ހުކުރު ދުވަހާ ހަމައަށް ހަތަރު ޑޮލަރަށް ވުރެ ދަށަށް ދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް