ސޫދާނުގެ ޕެރާމިލިޓަރީ ގްރޫޕަކުން ދިން ޑްރޯން ހަމަލާއެއްގައި އަށް ކުޑަކުދިން ހިމެނޭހެން 24 މީހަކު މަރު

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ އެހީގެ ގާފިލާއަކަށް އަމާޒުކޮށް ހަމަލާދިންތާ އެއް ދުވަސް ފަހުން، ސޫދާނުގެ މެދުތެރޭގައި ގެދޮރު ގެއްލިފައިވާ އާއިލާތަކެއް ގޮވައިގެން ދިޔަ އުޅަނދަކަށް ނުރައްކާތެ...

08 Feb 2026 | 09:56
ސޫދާނަށް އެެހީގެ ގާފިލާއެއް -

ސޫދާނަށް އެެހީގެ ގާފިލާއެއް -

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ އެހީގެ ގާފިލާއަކަށް

އަމާޒުކޮށް ހަމަލާދިންތާ އެއް ދުވަސް ފަހުން، ސޫދާނުގެ މެދުތެރޭގައި ގެދޮރު ގެއްލިފައިވާ

އާއިލާތަކެއް ގޮވައިގެން ދިޔަ އުޅަނދަކަށް ނުރައްކާތެރި ޕެރާމިލިޓަރީ ގްރޫޕަކުން ހޮނިހިރު

ދުވަހު ދިން ޑްރޯން ހަމަލާއެއްގައި، އަށް ކުޑަކުދިން ހިމެނޭހެން  24 މީހުން މަރުވެއްޖެ ކަމަށް ޑޮކްޓަރުންގެ ޖަމިއްޔާއަކުން

ބުނެފިއެވެ.

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ކަންކަން ބަލަމުންދާ ސޫދާން ޑޮކްޓާސް ނެޓްވޯކުން

ބުނި ގޮތުގައި، ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިން ހޮނިހިރު ދުވަހު ދިން މި

ހަމަލާ އަމާޒުވީ ނޯތު ކުރުދުފާން ޕްރޮވިންސްގެ ރަހަދު ސިޓީއާ ކައިރި ސަރަހައްދަކަށެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އުޅަނދަކީ ދުބައިކަރް ސަރަހައްދުގައި

ހިނގަމުންދިޔަ ކުރިމަތިލުންތަކުން ސަލާމަތްވުމަށް ފިލައިގެން ދިޔަ މީހުން އުފުލި އުޅަނދެއް

ކަމަށެވެ.

މި ހަމަލާގައި އިތުރު ބަޔަކު ޒަހަމްވެފައިވާއިރު، އެމީހުންނަށް ފަރުވާ ދިނުމަށް

ގެންދެވުނީ ރަހަދު އަށެވެ. ނަމަވެސް ކުރުދުފާން ސަރަހައްދުގެ އެހެން ރަށްތަކެކޭ އެއްފަދައިން،

އެ ރަށުގައިވެސް ބޭހާއި ސިއްހީ ސާމާނުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް

ބަޔާނުގައިވެއެވެ.

ޑޮކްޓަރުންގެ ޖަމިއްޔާއިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމައާއި އިންސާނީ ހައްޤުތަކަށް

މަސައްކަތްކުރާ ޖަމިއްޔާތަކަށް، "އާންމުން ހިމާޔަތްކުރުމަށް ވަގުތުން ފިޔަވަޅު

އެޅުމަށާއި، މި އަމަލުތަކުގެ ޒިންމާ އާރްއެސްއެފްގެ ލީޑަޝިޕުން އުފުލަންޖެހޭނެ ކަމަށް

ކަނޑައެޅުމަށް" ގޮވާލާފައެވެ. މިކަމާ ގުޅޭގޮތުން އާރްއެސްއެފްއިން ވަގުތުން އެއްވެސް

އެއްޗެއް ބުނެފައެއް ނުވެއެވެ.

ޑަބްލިއުއެފްޕީގެ އެހީގެ ގާފިލާއަށް

ހަމަލާދިނުން:

ނޯތު ކުރުދުފާން ޕްރޮވިންސްގައި ހުކުރު ދުވަހު ޑަބްލިއުއެފްޕީގެ އެހީގެ ގާފިލާއަކަށް

ދިން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް ސޫދާނުގައި

ހުންނަވާ އދ. ގެ ހިއުމަނިޓޭރިއަން ކޯޑިނޭޓަރު ޑެނީސް ބްރައުން ވިދާޅުވިއެވެ.

ބްރައުން ވިދާޅުވި ގޮތުގައި، އެ ގާފިލާއަކީ ނޯތު ކުރުދުފާންގެ އޮބައިދު ސިޓީގައި

ގެދޮރު ގެއްލިފައިވާ މީހުންނަށް "ފުރާނަ ސަލާމަތްކޮށްދޭނެ ކާބޯތަކެތީގެ އެހީ"

ފޯރުކޮށްދިނުމަށް ދަތުރުކުރި ގާފިލާއެކެވެ. މި ހަމަލާގައި ލޮރީތަކުގައި އަލިފާން ރޯވެ،

އެހީގެ ތަކެތި ވަނީ ހަލާކުވެފައެވެ.

"އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ދޭ ހަމަލާތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި

ގެދޮރު ގެއްލުމުގެ ތަކުލީފު އުފުލަމުންދާ މީހުންނާ ހަމައަށް ވާސިލްވުމަށް ކުރާ މަސައްކަތްތަކަށް

ހުރަސްއެޅޭ" ބަޔާނެއްގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ ހަފްތާގައި ބްލޫ ނައިލް ޕްރޮވިންސްގައި ހުންނަ ޑަބްލިއުއެފްޕީގެ

މަރުކަޒެއްގެ ކައިރިއަށް ޑްރޯން ހަމަލާއެއް އަރައި، އެ ތަނުގެ މުވައްޒަފަކު ޒަހަމްވެފައިވާ

ކަމަށްވެސް ބްރައުން ވިދާޅުވިއެވެ.

ސޫދާނުގައި ހިންގާ ލާއިންސާނީ އަމަލުތައް ޑޮކިއުމަންޓްކުރާ މިނިވަން ޖަމިއްޔާއެއް

ކަމަށްވާ 'އިމަޖެންސީ ލޯޔާސް' އިން މި ހަމަލާގެ އިލްޒާމް އާރްއެސްއެފްގެ ބޮލުގައި އަޅުވާފައިވާއިރު،

ސޫދާން ޑޮކްޓާސް ނެޓްވޯކުން ވަނީ މިއީ "ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނުތަކާ

ކަނޑައެޅިގެން ޙިލާފު، ހަނގުރާމައިގެ ކުށެއް" ކަމަށް ސިފަކޮށްފައެވެ.

ސައުދީގެ ބަޔާނުގައި އާރު.އެސް.އެފް އިން އާންމުންނަށާއި އެހީ ފޯރުކޮށްދޭ ގާފިލާތަކަށް

ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އަދި "ޣައިރު ގާނޫނީ ހަތިޔާރާއި،

ކުލީ ސިފައިންނާއި، ބޭރުގެ ހަނގުރާމަވެރިން ފޯރުކޮށްދެމުންދާ" ބޭރުގެ ފަރާތްތަކަށްވެސް

އެ ބަޔާނުގައި ފާޑުކިޔާފައިވެއެވެ. މިއީ އެ ޕެރާމިލިޓަރީ ގްރޫޕަށް ހަތިޔާރު ފޯރުކޮށްދޭ

ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އދ. ގެ މާހިރުން ތުހުމަތުކުރާ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް އިޝާރާތްކޮށް ބުނެފައިވާ ބަހެއް ކަމަށް

ބެލެވެއެވެ. އަދި ޔޫ.އޭ.އީ އިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

"ބޭނުންޖެހިފައިވާ މީހުންނަށް ފޮނުވާ ކާބޯތަކެތި ހަލާކުކުރުމާއި އިންސާނީ އެހީތެރިކަން

ފޯރުކޮށްދޭ މުވައްޒަފުން މެރުމަކީ ފަކުރުގަންނަ ފަދަ ކަމެއް،" އޭނާ ވިދާޅުވިއެވެ.

"ޓްރަމްޕްގެ ސަރުކާރުން ފުރާނަ ދުއްވާލުމާއި އެމެރިކާގެ އެހީގައި ހިންގާ މަސައްކަތްތަކަށް

ހުރަސްއެޅުމަށް އެއްވެސް ފުރުސަތެއް ނުދޭނެ: އަހަރެމެން މިކަމުގައި ޖަވާބުދާރީވުމަށް

އެދެން"  ބްރިޓިޝް މިނިސްޓަރ ފޯ އިންޓަނޭޝަނަލް

ޑިވެލޮޕްމަންޓް އެންޑް އެފްރިކާ، ޖެނީ ޗެޕްމަން ވަނީ ޑަބްލިއުއެފްޕީގެ ގާފިލާއަށް ދިން

ހަމަލާއަކީ "ލަދުވެތި" އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި،

އާރު.އެސް.އެފް އިން ދާދި ފަހުން ދިން ޑްރޯން ހަމަލާތައް ކުށްވެރިކޮށްފައިވެއެވެ. އޭގެ

ތެރޭގައި ގެދޮރު ގެއްލިފައިވާ އާއިލާތަކެއް ދަތުރުކުރި އުޅަނދަކަށާއި، ޑަބްލިއު.އެފް.ޕީ

ގެ ކޮންވޯއީއަކަށާއި، ކުރުދުފާންގެ ހޮސްޕިޓަލަކަށް ދިން ހަމަލާ ހިމެނެއެވެ. އެ ހޮސްޕިޓަލަށް

ދިން ހަމަލާގައި 22 މީހުން މަރުވިއެވެ.

ފާއިތުވި މަސްތަކުގައި ކުރުދުފާން ވެފައިވަނީ ހަނގުރާމައިގެ މައިދާނަކަށެވެ. އަދި

މި އަހަރުގެ ކުރީކޮޅު ސިފައިން ވަނީ އެ ސަރަހައްދުގެ ދެ ބޮޑު ސިޓީއަކަށް އާރު.އެސް.އެފް

އިން ގާއިމުކޮށްފައިވާ ހިސާރު ނައްތައިލާފައެވެ.

އދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ނުރައްކާތެރި ހަނގުރާމައިގައި މިހާތަނަށް

40،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ނަމަވެސް އެހީދޭ ޖަމާއަތްތަކުން ބުނާ

ގޮތުގައި މިއީ ހަގީގީ އަދަދަށްވުރެ މަދު އަދަދެކެވެ. އަދި އަސްލު އަދަދު މިއަށްވުރެ

އެތައް ގުނައެއް އިތުރުވުން އެކަށީގެންވެއެވެ.

މި ހަނގުރާމައިގެ ސަބަބުން 14 މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން

މަޖުބޫރުވެ، ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިސާ ވަނީ އުފެދިފައެވެ. މީގެ ސަބަބުން

ބަލިމަޑުކަން ފެތުރި، ގައުމުގެ ބައެއް ސަރަހައްދުތައް ބަނޑުހައިހޫނުކަމުގެ ތެރެއަށް

ވެއްޓިފައިވާއިރު، ހަނގުރާމަ ހުއްޓޭނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނި ބަނޑުހައިހޫނުކަން

ދަނީ އިތުރަށް ފެތުރެމުންނެވެ.

ބުރާސްފަތި ދުވަހު އާންމުކުރި އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން

(އައި.ޕީ.ސީ) ރިޕޯޓުގައި ބުނެފައިވަނީ، ހުޅަނގު ދާރްފޫރުގެ އިތުރު ދެ ސަރަހައްދަކުން

ބަނޑުހައިހޫނުކަން ފެނިފައިވާ ކަމަށެވެ. އެ ސަރަހައްދުގެ ރެފިއުޖީ ކޭމްޕެއްގައި ބަނޑުހައިހޫނުކަން

އޮތްކަން ފުރަތަމަ ކަށަވަރުވީ 2024 އޮގަސްޓްގައެވެ.

އެ ރިޕޯޓުގައި އިންޒާރު ދީފައިވާ ގޮތުގައި 2026 ވަނަ އަހަރު ކާނާލިބުމުގެ ދަތިކަން

(މެލްނިއުޓްރިޝަން) އިތުރަށް ގޯސްވާނެއެވެ. ފަސް އަހަރުން ދަށުގެ ކުދިންނާއި، މާބަނޑު

މީހުންނާއި، ކިރުދޭ މައިންގެ މެދުގައި މި މައްސަލަ 13.5 އިންސައްތަ އިތުރުވާނެ ކަމަށް

ލަފާކުރެވެއެވެ. އެއީ 2025 ވަނަ އަހަރު 3.7 މިލިއަން ކުދިންނާއި އަންހެނުންނަށް މި

މައްސަލަ ކުރިމަތިވެފައިވާއިރު، 2026 ވަނަ އަހަރު އެ އަދަދު ގާތްގަނޑަކަށް 4.2 މިލިއަނަށް

އަރާނެ ކަމަށް ބެލެވޭތީއެވެ.

މެލްނިއުޓްރިޝަންގެ އެންމެ ނުރައްކާތެރި އަދި ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތައް

(ސިވިއަރ އެކިއުޓް މެލްނިއުޓްރިޝަން) 800,000 އަށް އިތުރުވާނެ ކަމަށް ބެލެވެއެވެ. މިއީ

2025 އާ އަޅާބަލާއިރު 4 އިންސައްތައިގެ އިތުރުވުމެކެވެ.

ސޫދާނުގައި ހުންނަ ސޭވް ދަ ޗިލްޑްރަންގެ ކަންޓްރީ ޑައިރެކްޓަރު މުހައްމަދު އަބްދުއްލަތީފް

ވިދާޅުވީ، ސޫދާނުގެ ގިނަ ސަރަހައްދުތަކެއްގައި ބަނޑުހައިހޫނުކަމާ ގުޅުންހުރި ސަބަބުތަކާ

ހުރެ ކުޑަކުދިން މިހާރުވެސް މަރުވަމުންދާ ކަމަށެވެ.

"ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް އިވެނީ، އެމީހުންގެ ދަރިން އެއް ދުވަހުން

އަނެއް ދުވަހަށް ދިރިތިބޭނެ ގޮތެއް ހެދުމަށްޓަކައި، އަތުގައި އޮތް އެންމެ ފަހު އެތިކޮޅުވެސް

ވިއްކާލާ މައިންބަފައިންގެ ހިތްދަތި ވާހަކަތައް،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް