N/A
ހޮރްމުޒް ކަނޑުއޮޅި ހުޅުވާނުލައިފި ނަމަ އީރާނުގެ ހުރިހާ ޕަވާ ޕްލާންޓަކާއި ބްރިޖެއް ބޮމުން ސުންނާފަތިކޮށްލާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފައިވާ އިންޒާރުގެ މުހުލަތު މިރޭ ހަމަވާން ކައިރިވެފައިވާ އިރު، ޕަވާ ޕްލާންޓްތަކުގެ ވަށައިގެން ހިއުމަން ޗެއިން ހެދުމަށް އީރާނުން ޒުވާނުންނަށް ގޮވާލައިފިއެވެ.
ޓްރަމްޕް ކަނޑައެޅީ އަންގާރަ ދުވަހުގެ ރޭ އީއެސްޓީ ޓައިމްޒޯނުން 8 ޖެހުމުގެ ކުރިން (ރާއްޖޭ ގަޑީން ބަލަނީ ނަމަ ފަތިހު 05ގެ ކުރިން) ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ އުޅަނދުތަކަށް މަގު ހުޅުވާލުމަށެވެ. "މުޅި ޤައުމު އެންމެ ރެއަކުން ނައްތާލެވިދާނެ" ކަމަށް ޓްރަމްޕް ބުންޏެވެ. ކުރިން ވެސް މުހުލަތު ދިގުދެންމި ނަމަވެސް މިފަހަރު މިއީ ފަހު ފުރުޞަތު ކަމަށް ޓްރަމްޕް ބުންޏެވެ.
މުހުލަތު ހަމަވުމުގެ ކުރިން ވެސް އެމެރިކާ އާއި އިޒްރޭލުގެ ވައިގެ ހަމަލާތައް އީރާނުގެ އެކި ސަރަޙައްދުތަކަށް އަމާޒުވެ 30 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އިޒްރޭލުން ޝީރާޒުގެ ޕެޓްރޯކެމިކަލް ސައިޓަކަށް ހަމަލާ ދިނެވެ. އެއީ ސައުތު ޕާސް ގޭސް ފީލްޑުގެ އޮފްޝޯ ޕްލާންޓަކަށް ހަމަލާ ދިން ދުވަހުގެ އަނެއް ދުވަހެވެ. ހުޅަނގު އީރާނުގެ ޚުއްރަމާބާދު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ހަމަލާ އެރިއެވެ. ތެހެރާނުގެ ހުޅަނގުއުތުރުގައި އޮންނަ އަލްބޮރްޒް ޕްރޮވިންސަށް ދިން ހަމަލާއެއްގައި 18 މީހުން މަރުވި ކަމަށް ދައުލަތުގެ މީޑިއާ ބުންޏެވެ. އިޒްރޭލުން ވަނީ ރޭލު ނެޓްވޯކަށް ހަމަލާ ދީފާނެކަން ދޭހަވާ ގޮތަށް، ރޭލުތަކާ ދުރުގައި ތިބުމަށް ފާރިސީ ބަހުން އީރާނު ރައްޔިތުންނަށް އިންޒާރު ދީފައެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން އެކްސްގައި ޕޯސްޓް ކުރައްވައި ވިދާޅުވީ 14 މިލިއަން އީރާނު ރައްޔިތުން ހަނގުރާމައަށް ވޮލަންޓިއާ ކުރިކަން އިޢުލާނުކޮށްފައިވާ ކަމަށެވެ. "ފުރާނަ ޤުރުބާންކުރަން ތައްޔާރަށް 14 މިލިއަނަށް ވުރެ ގިނަ އީރާނު ރައްޔިތުން ތިބިކަން ހާމަކޮށްފި" ކަމަށާއި، ތިމަންނާ ވެސް އީރާނަށްޓަކައި ފުރާނަ ދޭން ތައްޔާރު ކަމަށް ޕެޒެޝްކިއާން ލިޔުއްވިއެވެ. ޕަވާ ޕްލާންޓްތަކުގެ ވަށައިގެން ހިއުމަން ޗެއިން ހެދުމަށް ޒުވާނުންނާއި ކުޅިވަރު ކުޅުންތެރިންނާއި ދަރިވަރުންނާއި ޕްރޮފެސަރުންނަށް ގޮވާލައިފައިވެއެވެ. އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ޖެނެރަލެއް ވަނީ ޗެކްޕޮއިންޓްތަކަށް ދަރިން ފޮނުވުމަށް މައިންބަފައިންނަށް ގޮވާލައިފައެވެ.
އީރާނުން މިއަދު ހެނދުނު ސައުދީ ޢަރަބިއާއަށް ހަތް ބެލިސްޓިކް މިސައިލް ފޮނުވިއެވެ. ހަކަތައިގެ ވަސީލަތްތައް ހުރި ސަރަޙައްދަކާ ކައިރިއަށް ބައިތައް ވެއްޓުނު ކަމަށާއި ގެއްލުން ބަލަމުންދާ ކަމަށް ސައުދީ ދިފާޢީ ވުޒާރާގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް-މަލްކީ ބުންޏެވެ. މި ހަމަލާއާ ގުޅިގެން ސައުދީ ޢަރަބިއާ އާއި ބަޙްރައިން ގުޅުވައިދޭ ކިންގް ފަހުދު ކޯޒްވޭ ގަޑިތަކެއް ވަންދެން ބަންދުކުރިއެވެ. އެ 25 ކިލޯމީޓަރުގެ ބްރިޖަކީ އެމެރިކާ ކަނޑުގެ ސިފައިންގެ ފިފްތު ފްލީޓް ޤާއިމުވެ ތިބޭ ބަޙްރައިން، ޢަރަބި ބައްރާ ގުޅުވައިދޭ ހަމައެކަނި މަގެވެ.
ތެހެރާނަށް ވެސް އައު ހަމަލާތަކެއް އަމާޒުވެ، ޝަހްރިއާރު ސިޓީން ނުވައެއް އަދި ޕާރްދީސް ސިޓީން ހަ މީހުން މަރުވި ކަމަށް އީރާނުގެ މީޑިއާ ރިޕޯޓުކޮށްފައިވެއެވެ. އެ ހަމަލާތަކުގެ ޒިންމާ އިޒްރޭލުން ނެގިއެވެ. އީރާނުން ވެސް ވަނީ ޓެލް އަވީވާއި އީލާތަށް މިސައިލް ފޮނުވައިފައެވެ.
ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، ބައިނަލްއަޤުވާމީ މިންގަނޑު ކަމަށްވާ ބްރެންޓް ކްރޫޑް ފީފާއެއް 111 ޑޮލަރަށް ވުރެ މައްޗަށް އަރައި، ހަނގުރާމަ ފެށުނީއްސުރެ 50 އިންސައްތައަށް ވުރެ ބޮޑު އުފުލުމެއް އައިސްފައިވެއެވެ.
އާންމު ތަންތަނަށް ހަމަލާ ދިނުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމުގެ އިންޒާރު ބައިނަލްއަޤުވާމީ ފެންވަރުގައި އަންނަނީ ދެމުންނެވެ. ފަރަންސޭވިލާތުގެ ޚާރިޖީ ވަޒީރު ޟޯން-ނޮއެލް ބާރޯ ވިދާޅުވީ ހަކަތައިގެ ނިޒާމާއި އާންމު ތަންތަނަށް ހަމަލާ ދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުން މަނާ ކަމެއް ކަމަށެވެ. ނިއުޒީލެންޑުގެ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސަން ވެސް ބްރިޖާއި ރިޒާވޮއާ އާއި އާންމު ތަންތަނަށް ހަމަލާ ދިނުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވިއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޝް ވެސް ވަނީ އާންމު ތަންތަނަށް ހަމަލާ ދިނުން ބައިނަލްއަޤުވާމީ ޤާނޫނުން މަނާ ކަމެއް ކަމަށް ވިދާޅުވެ އެމެރިކާއަށް އިންޒާރު ދެއްވައިފައެވެ. ހަނގުރާމައިގެ ޖަރީމާ ކުރެވިދާނެ ކަމުގެ ކަންބޮޑުވުމެއް ނެތް ކަމަށް ޓްރަމްޕް ބުންޏެވެ.
ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމައިގައި އީރާނުން 1،900 އަށް ވުރެ ގިނަ މީހުން، ލެބނާނުން 1،400 އަށް ވުރެ ގިނަ މީހުން މަރުވެ އެއް މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވެއެވެ. ގަލްފުގެ ޢަރަބި ޤައުމުތަކާއި ހިފާފައިވާ ހުޅަނގު އައްސޭރިން 20 އަށް ވުރެ ގިނަ މީހުން، އިޒްރޭލުން 23 މީހުން، އަދި 13 އެމެރިކާ ސިފައިންގެ މީހުން މަރުވެފައިވެއެވެ.
ދެ ފަރާތުގެ ދެމެދުގައި ސުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދަން ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދެއެވެ. އެމެރިކާއިން ހުށަހެޅި 45 ދުވަހުގެ ސީޒްފަޔާ ހުށަހެޅުން އީރާނުން ވަނީ ބަލައިނުގަނެފައެވެ. ނަމަވެސް ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށްދާ ކަމަށް އެކަމުގައި ބައިވެރިވާ އޮފިޝަލުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް