N/A
މާލެ ޓެކްސީ ލައިންގެ ޚިދުމަތަށް ޚާއްޞަކޮށް ތައްޔާރުކުރި "މާލެ ޓެކްސީ" އެޕް ހެދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ. އެ ހުށަހެޅުމުގައި އެދިވަޑައިގެންފައި ވަނީ އެޕް ތައްޔާރުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށް ދެކެވޭ ވާހަކަތައް މަޖިލީހުން ބަލައިދިނުމަށެވެ.
ސޯޝަލް މީޑިއާގައި ކޮށްފައިވާ ތުހުމަތުތަކަށް ބަލާއިރު، އެޕް ހެދުމަށް ހަވާލުކުރި ފިކްސްޑް މޯލްޑިވްސް އަކީ އެ ދާއިރާގެ ތަޖުރިބާ ނެތް ކުންފުންޏެއް ކަމަށާއި އެ މުޢާމަލާތުގެ ތެރެއިން 13 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ގިނަ ސުވާލުތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ދައުވަތު ދިން ކުންފުނިތަކާއި އެ ކުންފުނިތައް ހޮވި މިންގަނޑުތަކާއި، ޓެންޑާ އިވެލުއޭޝަން ކޮމިޓީ އެކުލަވައިލީ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށްތޯ ބެލުމާއި، މަސައްކަތް ހަވާލުކުރި ކުންފުނީގެ ތަޖުރިބާ ސާބިތުވާ ހެކި ހޯދުން ހިމެނެއެވެ. އަދި އެމްޓީސީސީގެ އައިޓީ ޑިޕާޓްމަންޓުގެ ބައިވެރިވުން އޮތް މިންވަރާއި، އާ އެޕެއް ހެދުމަށް ނިންމީ ކުންފުނީގެ ކޮން ފެންވަރަކުންތޯ ވެސް ސާފުކުރުމަށް އެދިވަޑައިގެންފައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތައާރަފުކުރި މާލެ ޓެކްސީ އެޕުގައި ގިނަ މައްސަލަތަކެއް ހުރުމުން އެޕް ވަނީ ޑައުންކޮށްފައެވެ. މިހާރު ޓެކްސީގެ ޚިދުމަތް ދެމުން ގެންދަނީ 1655 ހޮޓްލައިނަށް ގުޅައިގެން ހޯދޭ ގޮތަށެވެ. މި ތުހުމަތުތަކާ ގުޅިގެން އެމްޓީސީސީން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް