N/A
ޓިކްޓޮކްގައި މަޝްހޫރު ޝެހެނާޒް މޫސާ (ޝެހޭ) ގެ ނަމުގައި
ހިންގާ ފޭސްބުކް އެކައުންޓެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ތިން ކޮޓަރީގެ އެޕާޓްމަންޓެއް
ކުއްޔަށް ދޫކުރާ ކަމަށް ޖެހި ޕޯސްޓެއް ޢާންމުވެ، އެއީ އަމާން ދޯދީގެ ފްލެޓެއް ކަމަށް
ޢާންމު ފަރާތަކުން ބުނެ މައްސަލަ ހޫނުވުމާ ގުޅިގެން، އެފްޑީސީ ފްލެޓްތައް ސަބްލީޒްކުރާ
ފަރާތްތައް 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް އެއްބަސްވުން ބާތިލުކުރާނެ ކަމުގެ
އިންޒާރު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް
މިއަދު ދެއްވައިފިއެވެ.
އެ ޕޯސްޓުގައި 23،000 ރުފިޔާއަށް ފްލެޓް ކުއްޔަށް ދޫކުރާ
ކަމަށް ޖަހާފައިވާ އިރު، އެއީ އަމާން ދޯދީގެ ފްލެޓެއް ކަމަށް ބުނެ ޢާންމު ފަރާތަކުން
ވަނީ އެކްސްގައި ހަމްދާން ޓެގްކޮށް ޕޯސްޓެއް ކޮށްފައެވެ. އެހެން ނަމަވެސް އެއީ އަމާން
ދޯދީގެ ފްލެޓެއްކަން ރަސްމީކޮށް ކަށަވަރެއް ނުވެއެވެ.
ޝެހޭގެ އެ ޕޯސްޓުގައި ގުޅަންވީ ނަންބަރު ކަމަށް ޖަހާފައިވަނީ
އޭނާގެ ގާތް އެކުވެރިޔާ މަރްޔަމް ރުހުޝާ (ޓިކްޓޮކްގައި މަޝްހޫރު ނަމުންނަމަ ރޭޑިއޯ)
ގެ ނަންބަރެވެ. ޝެހޭ އާއި ރޭޑިއޯ އަކީ ޓިކްޓޮކް ޕްލެޓްފޯމުގައި ނަމޫނާ ދެ އެކުވެރިންގެ
ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ބައެކެވެ.
ހަމްދާން ވިދާޅުވީ މި މައްސަލަ ސަމާލުކަމަށް އައިސް،
އެކަން ބެލުމަށް ޓީމަށް އިރުޝާދު ދެއްވާފައިވާ ކަމަށާއި، އެފްޑީސީ ފްލެޓްތައް ސަބްލީޒްކުރުމަކީ
ލީޒް އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ.
"ބޮޑެތި ސަބްސިޑީ ދީގެން ހަދާފައިވާ ސޯޝަލް ހައުސިންގ
ފްލެޓްތައް ސަބްލީޒްކުރުމަކީ އަސާސީ ގޮތުން ގޯސް ކަމެއް. އެކަމުގެ ސަބަބުން މި ބޯހިޔާވަހިކަމުގެ
މަޝްރޫޢުތަކުގެ އަސްލު މަޤްޞަދު ގެއްލި، ފައިދާ ހޯދުމުގެ ކުއްޔަށް ބަދަލުވެ، ކޮންމެ
ދިވެހި ރައްޔިތެއްގެ ޙައްޤަށް އުނިކަން ލިބޭ" ކަމަށް ހަމްދާން ވިދާޅުވިއެވެ.
މިފަދަ ބައެއް ހާލަތްތަކުގައި ފޭސްބުކް އެކައުންޓް ހެކްކުރުން ފަދަ ކަންކަން ކޮށްގެންވެސް މިފަދަ ޕޯސްޓް ޖަހައެވެ. ނަމަވެސް މިއީ އެ މަގުން ހިނގާފައިވާ ކަމެއްކަން ކަށަަވަރެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް