N/A
"ދިތުވާ" ތޫފާނުގެ ސަބަބުން ސްރީލަންކާއަށް
ދިމާވި ކާރިސާއާ ގުޅިގެން ހާލުގައި ޖެހުނު އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ
ގޮތުން ދިވެހި ސަރުކާރާއި ދިވެހިންގެ ފަރާތުން ހަދިޔާކުރާ އިންސާނީ އެހީ ސްރީލަންކާ
ގެ ސަރުކާރާ ރަސްމީކޮށް އިއްޔެ ވަނީ ހަވާލުކޮށްފައެވެ.
ދިތުވާ ތޫފާނުގެ ސަބަބުން ކުރިމަތިވެފައިވާ ދަތި އުނދަގޫ
ދަނޑިވަޅުގައި ދިވެހި ސަރުކާރާއި، އަމިއްލަ ކުންފުނިތަކާއި އަދި އާންމު ދިވެހިން ގުޅިގެން
ގިނަ އަދަދެއްގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ސަރުކާރުން ފޯރުކޮށްދިން
50،000 އެމެރިކާ ޑޮލަރު ގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ އާއި އެހެނިހެން އަމިއްލަ
މީޑިއާ ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 834,843.98 އެމެރިކާ ޑޮލަރު ހިމެނެއެވެ.
ފައިސާގެ އެހީ އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ)
އިން އުފައްދާފައިވާ 25،000 ކޭސް މަސްދަޅު (1،232،166.02 އެމެރިކާ ޑޮލަރު) ސްރީލަންކާ
ސަރުކާރާ ހަވާލުކުރެއްވީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ
ސަފީރު އަލްފާޟިލް މަސްޢޫދު ޢިމާދެވެ. މި 25،000 ކޭސް މަސްދަޅު ސްރީލަންކާއަށް ގެންގޮސްފައިވަނީ
މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފަރާތުން، އެ ކުންފުނީގެ އެމް.އެސް.އެސް. ގަލީނާ ބޯޓުގައެވެ.
ލަންކާ ފައިސާއިން ބަލާނަމަ އެއީ އެކު ޖުމުލަ 652،980،302.65 (652 މިލިޔަން
ނުވަ ލައްކަ އަށްޑިހަ ހާސް ތިން ސަތޭކަ ދެ، ލަންކާ ރުޕީސް އެވެ.
ޚާރިޖީ ވުޒާރާއިން އިއްޔެ ބުނެފައިވާގޮތުގައި ދިވެހި
ސަރުކާރުން ފޯރުކޮށްދިން މި އެހީގެ އިތުރުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އިސްނަގައިގެން،
ސްރީލަންކާގެ ހާލުގައި ޖެހުނު އާއިލާތަކަށް މިހާރުން މިހާރަށް ބޭނުންވާ ޒަރޫރީ ތަކެތި
ހޯދުމަށްޓަކައި ކޮޅުނބުގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރ ގައި މިހިނގާ ޑިސެމްބަރު
މަހުގެ އެކަކުން ފަހެއްގެ ނިޔަލަށް ތަކެތި ހަދިޔާކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް
ގެންގޮސްފައެވެ. މިގޮތުން ހަދިޔާގެ ގޮތުގައި ލިބުނު ތަކެތި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ
ސްރީލަންކާ ގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އާއެވެ.
ދިވެހި ސަރުކާރުން ބުނެފައިވާގޮތުގައި ރާއްޖެއިން އުއްމީދުކުރަނީ،
ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މި އެހީ އިން ކޮންމެވެސް ވަރެއްގެ
ތަސައްލީއެއް ލިބޭނެކަމަށެވެ. އަދި ރާއްޖޭގެ ގިނަ ފަރާތްތަކުން ގުޅިގެން ސްރީލަންކާއަށް
އެހީވުމަށް މި ކުރެވުނު މަސައްކަތްތައް ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް
ޒަމާންވީ އެކުވެރި ބަދަހި ގުޅުމެވެ. ސްރީލަންކާގެ އިންސާނީ، އިޖްތިމާޢީ އަދި ތަރައްޤީގެ
މަޝްޢޫރުތަކުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދީ އެހީތެރިވާނެކަމުގެ ޔަޤީންކަން
އަރުވާކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް