ފުންވަޅުގޭ އެޕާޓްމެންޓެއްގައި އަލިފާން ރޯވުން، 50 އަށްވުރެ ގިނަ މީހުންނަށް އަސަރު ކުރި

ގ. ފުންވަޅުގޭ ހަތަރު ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި 50 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑީޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި...

06 Jul 2026 | 03:01
ގ. ފުންވަޅުގޭގައި އަލިފާނުގެ ހާދިސާ ހިނގައި ގެއްލުން ވެފައި -- ފޮޓޯ: އެމްއެންޑީއެފް

ގ. ފުންވަޅުގޭގައި އަލިފާނުގެ ހާދިސާ ހިނގައި ގެއްލުން ވެފައި -- ފޮޓޯ: އެމްއެންޑީއެފް

ގ. ފުންވަޅުގޭ ހަތަރު ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި 50 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑީޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެގޭގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓު ކޮށްފައިވަނީ ރޭ 10:48 ހާއިރު އެވެ. ފަޔާ ޓީމުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 11:48 ހާއިރު އެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދޭގޮތުގައި ހާދިސާގައި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗުގައި 25 މީހަކަށް އަދި އޭޑީކޭގައި ތިން މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި އެ އޮތޯރިޓީން ގާއިމް ކުރި އިވެކުއޭޝަން ސެންޓަރުން 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ސެންޓަރު ރޭގެ ވަގުތެއްގައި ވަނީ ބަންދުކޮށްފައި އެވެ. އަދި އިމާރާތުގައި ދިރިއުޅުނު މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ބުނެ އެވެ.

އެގޮތުން އަލިފާން ރޯވި ހަތަރު ވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓަށާއި، ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެން.ޑީ.އެމް.އޭ ގެ ފަރާތުން އިންސާނީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް މިގެންދަނީ ހަމަޖައްސައިދެމުން ކަމަށް މައުލޫމާތުދެ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭ ފްލެޓެއްގައިވެސް ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައި އެވެ. އެ ހާދިސާގައި އެކަކު ފިހުނު އިރު އެ އިމާރާތުގައި ހުރި ތިން ފްލެޓަށްވެސް އަސަރުކޮށް މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް