ދައުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޛު އަޙްމަދު އުޝާމް -
ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރާއި ދެވަނަ ދައުރަށް 12 ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު ވިދާޅުވީ މި ދައުރުގެ ތެރޭގައި ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އެ ބިލަކީ ރައްޔިތުންގެ ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް، އެ ފަރާތްތައް ރެގިއުލޭޓް ކުރުމުގެ އުސޫލުތައް ކަނޑައަޅާ ބިލެކެވެ.
މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި "މޯލްޑިވްސް 2.0" ގެ ދަށުން ޑިޖިޓައިޒޭޝަނާ ގުޅޭ ތިން ބިލެއް ވެސް މި ދައުރުގައި ހުށަހެޅުމަށް ވަނީ ތައްޔާރުވެފައެވެ. އޭގެ ތެރޭގައި ސައިބަރ ސެކިއުރިޓީއާ ބެހޭ ބިލަކާއި ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭ ބިލަކާއި ޑިޖިޓަލް އައިޑެންޓިޓީއާ ގުޅޭ ބިލެއް ހިމެނެއެވެ.
"މިއީ ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކޮށް ދައުލަތުގެ އަދި އަމިއްލަ ދާއިރާގައި ހިމެނޭ މުހިންމު އުމްރާނީ ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ކަނޑައަޅައި ދާޚިލީ އަދި ކްރޮސްބޯޑަރ ސެކިއުރިޓީ ތުރެޓުތައް ދެނެގަނެ، އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިންތިޒާމުތައް އަދި އެކަމާ ގުޅޭ އުސޫލުތައް ބަޔާންކުރާނެ ބިލެއް،" ބަންޑާރަނައިބު ވިދާޅުވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ ތަޢުލީމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި ނިމިފައިވާ ކަމަށެވެ. އަދި އިމިގްރޭޝަނުގެ ޤާނޫނާއި ފަޅުރަށްތަކާ ބެހޭ ޤާނޫނަކީ ދުވަސްވެފައިވާ ޤާނޫނުތަކަކަށް ވާތީ، އެ ޤާނޫނުތައް އިސްލާހުކުރުމުގެ ބަދަލުގައި އައު ޤާނޫނެއް ހެދުމަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހުކުރުމުގެ ބިލަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ބިލަކާއި މަރުގެ އަދަބާ ގުޅޭ ޚާއްޞަ ޤާނޫނެއް ހެދުމުގެ މަސައްކަތާއި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންދާ ގޮތް ބަދަލުކުރުމާއި މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުތައް ވެސް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް