ލަންކާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ....

06 May 2026 | 06:28
ރައީސްގެ ދެކަނބަލުން ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި - ފޮޓޯ: ދުވަސް

ރައީސްގެ ދެކަނބަލުން ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި - ފޮޓޯ: ދުވަސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މި ހިނގާ މޭ މަހުގެ ތިނަކުން ހަޔަކަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާ އެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، ދެ ޤައުމުގެ ޒަމާންވީ ގުޅުން ބަދަހިކުރެއްވުމާއި އައު ދާއިރާތައް ދެނެގަތުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތަކަށް ފަހު ދެ ރައީސުން ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.

ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެއްވި ފަހުމުނާމާތަކުގެ ތެރޭގައި ޒުވާނުން ތަރައްޤީކުރުމާއި، އަރުޝީފުކުރުމާއި، ފަތުރުވެރިކަމާއި، ހައްދުފަހަނައެޅުން ހުއްޓުވުމާއި، ޞިއްޙީ އަދި ދިފާޢީ ދާއިރާގެ ދިރާސީ މަސައްކަތްތަކާއި، މުދައްރިސުންނަށް ފަންނީ ތަމްރީނު ފޯރުކޮށްދިނުމުގެ ދާއިރާ ހިމެނެއެވެ.

މި ދަތުރުފުޅުގައި ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޑރ. ޖަގަތް ވިކްރަމަރަތްނަ އަދި ޚާރިޖީ ވަޒީރު ވިޖިތަ ހޭރަތު ވަނީ ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރައްވާފައެވެ.

ރައީސް މުޢިއްޒު ވަނީ މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ޝަރަފުވެރިކޮށްދެއްވައި ތަޤުރީރުކުރައްވާފައެވެ. އެ ތަޤުރީރުގައި ސްރީލަންކާގެ އިންވެސްޓަރުން ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ބާރުއެޅުއްވިއެވެ. މީގެ އިތުރުން މިފްކޯގެ އަގުއެއްކުރި މަހުގެ އުފެއްދުންތައް ސްރީލަންކާގައި އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ކޮލަމްބޯގެ ލޭޑީ ރިޖްވޭ ކުޑަކުދިންގެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ބަލި ކުދިންނާ ބައްދަލުކުރައްވާފައެވެ. އަދި އަންހެން ވިޔަފާރިވެރިންގެ ގުޑް މާކެޓް އޮފީހަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ކޮލަމްބޯގެ މޭޔަރު އިންތިޒާމުކުރެއްވި ސައިގެ ސަގާފަތުގެ ޚާއްޞަ ހަފްލާއެއްގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްގެ ދެކަނބަލުން ވަނީ ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށާއި ރާއްޖޭގެ ހައި ކޮމިޝަނަށާއި ކަލްޗަރަލް ސެންޓަރަށް ޒިޔާރަތްކުރައްވައި، ކޮލަމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، ރައީސް ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް