މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ބަންގްލަދޭޝްގައި ހިމަބިހި ބާރު ސްޕީޑެއްގައި ފެތުރި، ފާއިތުވި ތިން ހަފުތާގެ ތެރޭގައި 113 ކުޑަކުއްޖެއް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އެ ޤައުމުގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.
ޞިއްޙީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އުމުރުން ހަ މަހާއި ފަސް އަހަރާ ދެމެދުގެ 7،500 އަށް ވުރެ ގިނަ ކުދީންގެ ގައިން ހިމަބިހީގެ ޢަލާމާތްތައް ފެނިފައިވެއެވެ. ލެބޯޓަރީ ޓެސްޓުން ހިމަބިހި ޔަޤީންވެފައި ވަނީ 826 ކުއްޖެއްގެ ގައިންނެވެ. ޓެސްޓުން ޔަޤީންވި 17 ކުއްޖެއް މަރުވެފައިވާ އިރު، ގިނަ ކުދީން ޓެސްޓް ނުކުރެވި ނުވަތަ ޓެސްޓް ކުރެވުމުގެ ކުރީން މަރުވަނީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މި ނުރައްކާތެރި ހާލަތާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން އިއްޔެ ވަނީ ކުއްލި ވެކްސިން ކެމްޕޭނެއް ފަށައިފައެވެ. ޞިއްޙީ ވުޒާރާ އާއި ޔުނިސެފާއި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި ގާވީ ވެކްސިން އެލަޔަންސް ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕޭންގައި، ނުރައްކާ ބޮޑު 18 ޑިސްޓްރިކްޓެއްގެ 30 ސަރަހައްދެއްގައި 1.2 މިލިއަނަށް ވުރެ ގިނަ ކުދީންނަށް ވެކްސިން ދިނުމަށް ވަނީ އަމާޒު ހިފައިފައެވެ. ވެކްސިން ދެމުން ގެންދަނީ ވެކްސިން ނުޖެހި ތިބި ކުދީންނަށް އިސްކަން ދީގެންނެވެ.
ބަންގްލަދޭޝްގެ ބޮޑު ވަޒީރު ތާރިޤު ރަހުމާން ވަނީ މިދިޔަ ހަފުތާގައި ދެ ސީނިއާ ވަޒީރަކަށް، މި މައްސަލައިގެ ބޮޑުމިން ދެނެގަތުމަށް ޤައުމުގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއްވުމަށް އަންގަވައިފައެވެ. ބައްޔާ ބެހޭ ކޮންޓްރޯލް ޑައިރެކްޓަރު ހަލީމުއް ރަޝީދު ބުނީ، ކުރީ އަހަރުތަކާ އަޅާ ބަލާ އިރު ބަލި ޖެހޭ ކުދީންގެ ޢަދަދާއި މަރުވާ ކުދީންގެ ޢަދަދު މާ ބޮޑަށް އިތުރު ކަމަށެވެ. މި ރޯގާ ފެތުރެން މެދުވެރިވީ ވެކްސިން ލިބުމުގެ ދަތިކަން ހިމެނޭ ގޮތުން ތަފާތު ސަބަބުތައް މެދުވެރިވެގެން ކަމަށް ރަޝީދު ބުނެއެވެ.
ބަންގްލަދޭޝް އަކީ ވެކްސިން ޕްރޮގްރާމްތަކުގައި ކާމިޔާބީ ހޯދާފައިވާ ޤައުމެކެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ޖޫން މަހު ފެށުމަށް ރޭވި ހިމަބިހީގެ ވެކްސިން ކެމްޕޭން ފަސްވެގެން ދިޔައީ އެ އަހަރު ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ހިމަބިހި ނައްތައިލުމުގެ ޤައުމީ ވެރިފިކޭޝަން ކޮމިޓީގެ ޗެއާމަން މަހުމޫދުއް ރަހުމާން ބުނީ، 2025 ވަނަ އަހަރުގެ ނިޔަލަށް ހިމަބިހި ނައްތައިލުމުގެ ލަނޑުދަނޑި ހާސިލް ނުކުރެވުނީ ވެކްސިން ޕްރޮގްރާމްތައް އެކަށީގެންވާ ގޮތެއްގައި ނުހިންގުމުގެ ސަބަބުން ކަމަށެވެ. ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި ހިމަބިހި ފެތުރުން ހުއްޓުވުމަށް، އާބާދީގެ 95 އިންސައްތައަށް ވެކްސިން ދީފައި ހުންނަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް