N/A
ޓިކްޓޮކް މެދުވެރިކޮށް އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވުމަށް އަންގައި ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ހާޒިރުވާން އަންގާފައިވަނީ ނ. ކުޑަފަރި، ހިޔަލީގެ، ޙުސައިން ޔޫސުފް (44އ) އެވެ. އޭނާ ހާޒިރުކުރަނީ އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރުމާއި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކައާއި އިސްލާމްދީނުގެ އަސްލުތަކާ ގުޅޭ ގޮތުން ދޮގު މަޢުލޫމާތު ޓިކްޓޮކް މެދުވެރިކޮށް ފެތުރި ކަމުގެ ތުހުމަތުގައި ސުވާލުކުރުމަށެވެ.
ފުލުހުން ބުނީ އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އިއުލާނުކުރީ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހާޒިރުވާން އަންގާފައިވަނީ 2026 މާރިޗު 18 ވަނަ ދުވަހުގެ 12:00 އަށް ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް