ހިޔާ ފްލެޓުތައް --
ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓުތައް ލިބިފައިވާ މީހުންނަށް ބޯހިޔާވަހި ކަމުގެ އާ ފުރުސަތު ތަކެއް ހޯދައިދެއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހިޔާގެ 16 ޓަވަރުގައި އިތުރު ލިފްޓް ހަރުކޮށް ނިމުން ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ހިޔާގެ 16 ޓަވަރުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.
މުއްތޮލިބް މިރޭ ވިދާޅުވީ ދެ ކޮޓަރި ބޭނުން ނުވާ މީހުންވެސް ހިޔާ ފްލެޓަށް ހުޅުވާލުމުން ކުރިމަތިލީ އިތުރު ފުރުސަތު އޭރު ނެތުމާއި އެކު ބޯހިޔާވަހި ކަމުގެ މުހިންމު ކަމުން ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ހިޔާއަށް ބަދަލުވި ގިނަ އާއިލާތަކެއްގެ ހާލަތު ބަދަލުވެ، ދަރިން ގިނަވެ އެހެން ތަންތަނަށް ބަދަލުވާން ބޭނުންވެފައިވާ ކަމަށެވެ.
ހިޔާގެ ވާހަކަ ދައްކާއިރު އިސްކަން ދޭންޖެހެނީ އެއްވެސް ބޯހިޔާވަހި ކަމެއް ނެތް މީހުންނަށް ކަމަށްވިޔަސް ސަރުކާރުގެ ސިޔާސަތު ބައްޓަންވެގެން ދާން ޖެހޭނީ ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ގޮތް ހޯދައިދިނުމަށްޓަކައި ކަމަށް ވިދާޅުވި އެވެ.
އިތުރު ތަފްސީލް މިނިސްޓަރު ނުދެއްވަ އެވެ.
އިތުރަށް ވިދާޅުވީ ހިޔާގެ ކޮންމެ ޓަވަރެއްގައި 2،000 އަށްވުރެ ބޮޑޫ އާބާދީއެއް ދިރިއުޅޭ ކަމަށެވެ. އެހެންވެ، އެ ރައްޔިތުންނަށް ފަސޭހަކަމާއި ލުއިތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑު އާބާދީއަކަށް އެކަށީގެންވާ ހިދުމަތްތަކެއް ގާއިމުކުރަން ސަރުކާރުން އިސްކަން ދިން ނަމަވެސް، އެކަމަށް ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ހިޔާ ސަރަހައްދަށް ކަނޑައަޅާފައިވާ ހުސް ތަންތަނުގައި ގޯތި ދީފައިވުމާއި އިތުރަށް ބިން ނެތުން ފަދަ ކަންކަމުގެ ސަބަބުން ހިދުމަތް ހޯދައިދޭން ދަތިތަކާ ކުރިމަތިވި ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް