N/A
މި ސަރަހައްދުގައި ހިމަބިހި އެންމެ ގަދަޔަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖެއަކީ ހިމަބިހި ނުވަތަ މީސަލްސް ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން މަދުމަދުން އެ ބަލީގެ ކޭސްތައް ފެނުނު ނަމަވެސް މިދުވަސްވަރު ވަނީ އެ ބަލި ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައި އެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އާންމު ކުރައްވާފައިވާ ތަފާސް ހިސާބު ދައްކާގޮތުން ކުރިން ރާއްޖެއިން ނައްތާލާފައިވާ ހިމަބިހީގެ ކޭސްތައް އަލުން ފެންނަން ފެށީ މިދިޔަ މެއި މަހުގެ މެދު ތެރޭގައެވެ. އޭރުއްސުރެ މި ބަލި ރާއްޖޭގައި ފެތުރެމުން އަންނައިރު މިހާތަނަށް 72 މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭއިރު ބާކީ ތިބީ 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުނެވެ.
2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި ފައިސަލް ވިދާޅުވި ގޮތުގައި ބަލި ގިނައިން ޖެހުނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ މީހުންނަށެވެ. އެހެންވެ ހިމަބިހިން ރައްކާތެރިވުމަށް އަވަހަށް ވެކްސިންތައް ފުރިހަމަ ކުރުމަށް ފައިސަލް ވަނީ އިރުޝާދު ދެއްވައިފައެވެ.
މި ސަރަހައްދުގައި އެންމެ ގަދަޔަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ ބަންގްލަދޭޝް ސްރީލަންކާ ބުރުމާ އަދި ނޭޕާލު ހިމެނޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެ ގައުމުތަކުން އަންނަ މަސައްކަތު މީހުންނަށް ވިސާ ދިނުމުގެ ކުރިން ހިމަބިހީގެ ވެކްސިން ފުރިހަމަކުރިތޯ ބެލުމަށާއި ރާއްޖެ އަންނަ ފަތުރުވެރިންގެ ކިބައިން ފެންނަ އަލާމާތްތަކަށް ސަމާލުވުމަށް ފައިސަލް ވަނީ ގޮވައިލައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް