N/A
ބަންގްލަދޭޝްގެ ރެއިލްވޭ ސްޓޭޝަނެއްގެ ޕްލެޓްފޯމުން ރެއިލް ދަގަނޑު މައްޗަށް ވެއްޓުނު އެއް އަހަރުގެ ކުޑަ ކުއްޖެއް ސަލާމަތްކުރަން އެ ކުއްޖާގެ ބައްޕަ ދެއްކި ހިތްވަރަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އެބަދެއެވެ.
މި ހާދިސާ ހިނގީ އެޕްރީލް 28 ވަނަ ދުވަހު ބަންގްލަދޭޝްގެ ބައިރަބް ރެއިލްވޭ ސްޓޭޝަނުގައެވެ. ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރޭލެއް ސްޓޭޝަނާ ދިމާއަށް އަންނަނިކޮށް ކުޑަ ކުއްޖާ ޕްލެޓްފޯމުން ކައްސައިލައިގެން ރެއިލް ދަގަނޑު މައްޗަށް ވެއްޓުނީއެވެ. އެ ވަގުތު ކުއްޖާގެ ބައްޕަ ވަގުތުން ދަގަނޑު މައްޗަށް ފުންމައިލިއެވެ.
އޮންލައިންގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ބައްޕަ ރެއިލް ދަގަނޑު މަތީގައި އޮށޯވެ ދަރިފުޅު ގައިދަށުލައިގެން ބާއްވައި، ރޭލުގެ ބައިތައް މަތިން ދިޔައީއެވެ. ރޭލު ސްޓޭޝަނުން ނުކުތުމާ އެކު ޕްލެޓްފޯމުގައި ތިބި މީހުން ދެ ބަފައިންގެ ހާލު ބެލުމަށް ތިރިއަށް ފޭބިއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ކުއްޖާގެ މަންމަ ކަމަށް ބެލެވޭ އަންހެނަކު ރޮމުން ކުއްޖާ އުރައިލިއެވެ.
މާތް ﷲ ގެ ރަޙުމަތުން ދެ ބަފައިންނަށް ވެސް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް