އީރާނުގެ ހަމަލާތަކުން ސަލާމަތްވުމަށް ސިއްރިއްޔާތުގައި އިޒްރޭލުން ޔޫއޭއީގައި އަޔަން ޑޯމެއް ގާއިމުކޮށްދީފި

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރީކޮޅު، އީރާނުގެ މިސައިލާއި ޑްރޯން ހަމަލާތަކުން ޔޫއޭއީ ދިފާޢުކުރުމަށް އިޒްރޭލުން ސިއްރިއްޔާތުގައި އަޔަން ޑޯމް ވައިގެ ދިފާޢީ ނިޒާމެއް، އެ ނ...

05 May 2026 | 02:15
ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން އަދި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ -

ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން އަދި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ -

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރީކޮޅު، އީރާނުގެ މިސައިލާއި ޑްރޯން ހަމަލާތަކުން ޔޫއޭއީ ދިފާޢުކުރުމަށް އިޒްރޭލުން ސިއްރިއްޔާތުގައި އަޔަން ޑޯމް ވައިގެ ދިފާޢީ ނިޒާމެއް، އެ ނިޒާމު އޮޕަރޭޓުކުރާ ސިފައިންނާ އެކު، ޔޫއޭއީ ގައި ގާއިމުކޮށްފައިވާ ކަން ހާމަވެއްޖެއެވެ.

މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓުކުރީ އެމެރިކާގެ އެކްސިއޯސް ނޫހުންނެވެ. އެ ނޫހާ ވާހަކަ ދެއްކި އިޒްރޭލުގެ ދެ އޮފިޝަލަކާއި އެމެރިކާގެ އޮފިޝަލަކު ބުނި ގޮތުގައި، ނަތަންޔާހޫ މި ނިންމުން ނިންމީ ޔޫއޭއީ ގެ ރައީސް މުޙައްމަދު ބިން ޒައިދު ސީދާ ގުޅައި އެހީ އަށް އެދުމުންނެވެ. އިޒްރޭލާއި އެމެރިކާ ފިޔަވައި އެހެން ޤައުމެއްގައި ހަނގުރާމައެއްގެ ތެރޭގައި އަޔަން ޑޯމް ބޭނުންކުރީ މިއީ ފުރަތަމަ ފަހަރެވެ.

ފެބުރުއަރީ 28 ގައި ހަނގުރާމަ ފެށުނީއްސުރެ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އީރާނުގެ ހަމަލާ އެންމެ ބޮޑަށް އަމާޒުވީ ޔޫއޭއީ އަށެވެ. ޔޫއޭއީ ގެ ދިފާޢީ ވުޒާރާ އިން ބުނެފައިވާ ގޮތުގައި އީރާނުން ޔޫއޭއީ އަށް ގާތްގަނޑަކަށް 550 ބެލިސްޓިކް އަދި ކުރޫޒް މިސައިލާއި 2,200 އަށް ވުރެ ގިނަ ޑްރޯން ފޮނުވައިފައިވެއެވެ. ގިނަ ހަމަލާތައް ހުއްޓުވި ނަމަވެސް ބައެއް ހަމަލާ އަސްކަރީ އަދި މަދަނީ އަމާޒުތަކަށް ވާޞިލުވިއެވެ. އިޒްރޭލުގެ އަޔަން ޑޯމުން ޑަޒަނެއްހާ އީރާނުގެ މިސައިލް ވައްޓައިލީ ކަމަށް އިޒްރޭލުގެ އޮފިޝަލުން ބުންޏެވެ. މީގެ އިތުރުން "އަޔަން ބީމް" ލޭޒާ ދިފާޢީ ނިޒާމާއި "ސްޕެކްޓްރޯ" ސަވައިލެންސް ޔުނިޓްތައް ވެސް ޔޫއޭއީ އަށް ފޯރުކޮށްދީފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓުކޮށްފައިވެއެވެ.

ޔޫއޭއީ ގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ޠާރިޤް އަލް އޮތައިބާ ލިޔެފައިވާ ގޮތުގައި "ޙަޤީޤީ އެހީތެރިކަން ފޯރުކޮށްދިން" ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލު ހިމެނެއެވެ. ޔޫއޭއީ ގެ ސީނިއާ އޮފިޝަލަކު ބުނީ "މި ކަން ހަނދާން ނައްތައެއް ނުލާނެ" ކަމަށެވެ.

އިޒްރޭލާއި ޔޫއޭއީ ގެ ގުޅުން ރަސްމީ ގޮތެއްގައި ފެށުނީ 2020 ގައި ސޮއިކުރި އެބްރަހަމް އެކޯޑްސް އިންނެވެ. މި ހަނގުރާމައިގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އަސްކަރީ، ސެކިއުރިޓީ އަދި އިންޓެލިޖެންސް ގުޅުން މީގެ ކުރިން ނެތް މިންވަރަކަށް ބަދަހިވެ، ފަލަޟްޠީނުގެ މައްސަލައިގައި ޢަރަބި ޤައުމުތަކުގެ މެދުގައި ދެމެހެއްޓި އެކަހެރިކަން އިތުރަށް ފޫ ވެއްޓެމުން ދާ ކަން މި ހާދިސާ އިން ހާމަވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް