މޯލްޑިވިއަން، ހައްޖު ކޯޕަރޭޝަން އަދި އިސްލާމިކް މިނިސްޓްރީން އެއްބަސްވުމުމުގައި ސޮއެ ކުރި ދުވަސް - ފައިލް ފޮޓޯ: ދުވަސް
މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ފްލައިޓް މޭ 15 ވަނަ ދުވަހު ފުރާ ގޮތަށް ހަމަޖައްސައި، ހައްޖާޖީން ދަތުރުކުރާ ތާރީޚުތައް ކަނޑައަޅައިފިއެވެ.
ހައްޖާޖީން ގެންދިއުމަށް ޖުމްލަ ހަތަރު ފްލައިޓް ބާއްވާއިރު، ފުރަތަމަ ފްލައިޓުގައި 242 މީހުން، ދެ ވަނަ ފްލައިޓުގައި (މޭ 17) 250 މީހުން، ތިން ވަނަ ފްލައިޓުގައި (މޭ 18) 243 މީހުން އަދި ހަތަރު ވަނަ ފްލައިޓުގައި (މޭ 19) 250 މީހުން ދަތުރުކުރާނެއެވެ. މޭ 15 އަދި 18 ގައި ދަތުރުކުރާ ހައްޖާޖީން ދާނީ ސައުދިއާ އެއާލައިންގައެވެ. މޭ 17 އަދި 19 ގައި ދަތުރުކުރާ ހައްޖާޖީން ދާނީ މޯލްޑިވިއަންގެ ފްލައިޓުގައެވެ.
ހައްޖުގެ އަޅުކަމަށް ފަހު ހައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާނީ ޖޫން ފަހެއްގައެވެ. އެނބުރި އައުމަށް ވެސް ހަތަރު ފްލައިޓް ބާއްވާއިރު، ފަހު ފްލައިޓް އޮންނާނީ ޖޫން ނުވައެއްގައެވެ. ހައްޖުގެ ފަހުގެ ތައްޔާރީތަކަށް ހައްޖު މިޝަން ފުރުމަށް ހަމަޖެހިފައި ވަނީ މޭ ހަތަރެއްގައެވެ.
ރާއްޖެއިން ހައްޖާޖީންގެ 50 އިންސައްތަ ސައުދިއާ އެއާލައިންގައި ގެންދިއުމަށް އެ އެއާލައިނާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއް ގާއިމުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖިއްދާގައި ބޭއްވި ހައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 ގެ ތެރެއިންނެވެ. ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ލިބެނީ 1،000 ކޯޓާއެވެ. އެ ކޯޓާގެ ތެރޭގައި ހައްޖާޖީންގެ ޚިދުމަތުގައި ދަތުރުކުރާ ފަރާތްތައް ވެސް ހިމެނެއެވެ. މި އަހަރުގެ އަރަފާތު ދުވަހަކީ މޭ 26 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް