މަސްތުވާތަކެއްޗާއެކު ހަ ދިވެއްސަކު ހައްޔަރު - ތިބި ކަމަށްވަނީ ކޮޓަރީ އެނދުގައި ހާމައަށް އަތުރާލައިގެން

މާލޭގައި ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދ. މީދޫ، މުޙ...

05 Apr 2026 | 14:31
ހައްޔަރުުކުރި ހަ މީހުން - މަގްޝޮޓް: ފުލުހުން

ހައްޔަރުުކުރި ހަ މީހުން - މަގްޝޮޓް: ފުލުހުން

މާލޭގައި ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދ. މީދޫ، މުޙައްމަދު މާހިރު (36އ) އާއި ސ. ހުޅުދޫ، ޢަލީ އީޝާދު (32އ) އާއި ގ. ކަނދުމާގެއާގެ، އާހިލް ޢަލީ (23އ) އާއި ގދ. ތިނަދޫ، ރިކްޒު އާދަމް (23އ) އާއި ޅ. ހިންނަވަރު، މުޙައްމަދު ސުހާން އަޙްމަދު (39އ) އާއި ލ. ގަން، ޢަބްދުލްމާޖިދު އިބްރާހީމް (38އ) ކަމަށް ފުލުހުން ބުނެއެވެ. ހަ މީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކޮށް ޓްރެފިކްކުރުމެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި އެޕްރީލް މަހުގެ އެއް ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ތަނެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ބަންދު އަމުރުތަކުން އެނގޭ ގޮތުގައި މީގެ ތެރެއިން ހަތަރު މީހުން — މާހިރު، އީޝާދު، ސުހާން އަދި މާޖިދު — ތިބި ކޮޓަރީގެ އެނދުމަތިން ހާމައަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެންނަން ހުއްޓެވެ. އެ ހަތަރު މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ އިން އޯޕިއައި، ބެންޒޯ، އޭއެމްޕީ، ސީއޭޓީ އަދި ޑީއެކްސްއެމް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބަންދު އަމުރުތަކުގައިވެއެވެ.

އާހިލް ޢަލީ ދިރިއުޅޭ ކޮޓަރީގެ އެނދުގެ ހެޑްބޯރޑް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓާއި ފްރިޖު ތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ ފުޅިއެއް ފެނިފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 6.35 ގްރާމް ހުއްޓެވެ. ރިކްޒު އާދަމާ ގުޅިގެން ބެލީ ޓައުން ސްޓޭ ގެސްޓްހައުސްގެ ރޫމް ނަންބަރު 104 އެވެ. އެ ކޮޓަރި ތެރެއިން ހާމައަށް މަސްތުވާތަކެއްޗާއި، އެ ތަކެތި ޕެކް ކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.

ބަންދު އަމުރުތަކުގައިވާ ގޮތުން ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ މިފަދަ މައްސަލަތަކުގެ ރެކޯޑް އޮތް މީހުންނެވެ. ކޯޓުން ވަނީ މާހިރާއި އީޝާދާއި ސުހާނާއި މާޖިދު 15 ދުވަހަށް، އާހިލް 12 ދުވަހަށް އަދި ރިކްޒު ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. ހަ މީހުން ވެސް ބަންދުކުރީ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލުމަށް ފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް