މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ތިލަފުށީ ވެމްކޯ ސައިޓުގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަމީން މިއާ މަރުވި ހާދިސާގައި، އެކްސްކަވޭޓަރު ދުއްވަން އިން ސްރީލަންކާ ރައްޔިތެއް ކަމަށްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ އެ ވަގުތު ފޯނުގައި އިނދެ ދުއްވަމުން ދިޔަ ކަން ތަޙުޤީޤަށް ހޯދިފައިވާ ކަމަށް ބަންދު އަމުރުން އެނގިއްޖެއެވެ.
ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހެޝަންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 20 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ވަނީ ލިބިފައެވެ. އެގޮތުން ވެމްކޯ އިން ހުށަހެޅި ސިޓީއާއި މަރު ފޯމާއި ސްނެޕްޝޮޓް ރިޕޯޓާއި ހާދިސާ ރިޕޯޓާއި ހެކިންގެ ބަޔާނާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި މޮބައިލް ފޮރެންސިކް ރިޕޯޓު ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. ފިލާފާނެ ކަމުގެ އިހުތިމާލު އޮތުމާއި ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމައިފައެވެ.
ދިފާޢުން ވަނީ، އޭނާގެ މަސައްކަތުގެ ގޮތުން ކުރަންޖެހޭ ކަންކަން ފަރުވާތެރިކަމާ އެކު ކޮށްފައިވާ ކަމަށާއި، އެހެން މީހުން އުސޫލުތަކާ ޚިލާފުވުމުން އެކަމުގެ ޒިންމާ މީނާ ނަގަން ނުޖެހޭނެ ކަމަށް ބުނެފައެވެ.
މި ހާދިސާ ހިނގާފައިވަނީ މި އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު ތިލަފުށީ ވެމްކޯ ސައިޓުގައި އެކްސްކަވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ހާދިސާގައި އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި އަމީން މިއާ ވެއްޓުނު ނަމަވެސް، މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިޔުމުގެ ސަބަބުން އޭނާގެ ހަށިގަނޑު ކުނިތަކާ އެކުވެ ވީނުވީ ނޭނގި ގެއްލުނީއެވެ. އަމީން މިއާ ގެއްލިގެން ރިޕޯޓުކުރީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އެ ރޭ ފުލުހުން ހޯދި ހޯދުމުގެ ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް