ނިމިދިޔަ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ވަޒީރު ޝިޔާމް ރަށެއްގައި - ފޮޓޯ: ޕީއެންސީ
ނިމިގެން ދިޔަ އިންތިޚާބަކީ ކުރަންވީ ކަންކަމާއި ދާންވީ މަގު ސާފުކޮށްދިން މުހިންމު އިންތިޚާބެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިޚާބުތަކުގެ ނަތީޖާތަކަކީ ފުންކޮށް ވިސްނައި ކަންކަން އިސްލާހުކުރަން ލިބޭ ފަހި ފުރުޞަތުތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މި އިންތިޚާބުގެ ނަތީޖާއާ އެކުގައި ވެސް ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެކެވެ. އަދި މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތައް ގެނެސް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވަނީ އިންތިޚާބުގައި ގޮނޑިތައް ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެ، ކާމިޔާބު ނުލިބުނު ކެންޑިޑޭޓުންގެ ހިތްވަރަށް ސާބަސް ދެއްވައިފައެވެ. އަދި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުޢިއްޒާއި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު އިންތިޚާބުގައި ދެއްކެވި އާދަޔާޚިލާފު ހިތްވަރަށް ޝުކުރު އަދާކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް