N/A
ގުޖުރާތުގެ ގޯރަކީ އަވަށުގެ ދަނޑުވެރި ޢާއިލާއެއްގެ ނުވަ ކުދީންގެ ތެރެއިން ކުއްޖެއް ކަމަށްވާ ގަނެޝް ބަރައިޔާ އުފަންވީ އެހެން ކުދީންނެކޭ މާކަ ބޮޑު ތަފާތެއް ނެތިއެވެ. ނަމަވެސް ހަތަރު އަހަރުގައި ހަށިގަނޑާ ނުބައްދަލު ބޮޑު ބޮލެއް ފެންނަން ފެށުމުން ޑޮކްޓަރުން ބުނީ ފަރުވާއެއް ނެތް "ޑްވާފިޒަމް" ހުރި ކަމަށެވެ. މިއަދު ގަނެޝްގެ އިސްކޮޅުގައި ތިން ފޫޓެވެ. ބަރުދަނުގައި 20 ކިލޯއެވެ. ނަމަވެސް މިއަދު އެ ކޮނޑުގައި އެ އޮންނަނީ ސްޓެތޮސްކޯޕެކެވެ. މިއަދު އެއީ ގުޖުރާތުގެ ސަރުކާރު ހޮސްޕިޓަލެއްގެ މެޑިކަލް އޮފިސަރެކެވެ.
ގަނެޝްގެ ޢުމުރުން ދިހަ އަހަރުގައި ސާކަސް ގުރޫޕެއް ގެއަށް އައިސް ބައްޕަ ވިއްތަލް ގާތު ގަނެޝް ސާކަސް ޖޯކަރަކަށް ހެދުމަށް ފަސް ލައްކަ ރުޕީސް ހުށަހެޅިއެވެ. ބައްޕަ ރުޅި އައިސް އެމީހުން ފައްސައިލީއެވެ. ނަމަވެސް އެ ދުވަހުން ފެށިގެން ގަނެޝް ވަގަށް ނަގައިފާނެކަމުގެ ބިރު އޮތް ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.
ސްކޫލުގައި މަލާމާތާ ކުރިމަތިލަމުން ވެސް ގަނެޝް 12 ވަނަ ކްލާހުގެ އިމްތިޙާނުން 87 އިންސައްތަ ހޯދައި، ނީޓް އިމްތިޙާނުން 233 މާކްސް ހޯދިއެވެ. ނަމަވެސް 2018 ގައި މެޑިކަލް ކައުންސިލް އޮފް އިންޑިއާ (އެމްސީއައި) އިން އެމްބީބީއެސް އެޑްމިޝަން ބޭރުކޮށްލީ އިސްކޮޅު ސަބަބަކަށް ދައްކައި، އެމެޖެންސީ ހާލަތްތަކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެއެވެ. ގުޖުރާތު ހައި ކޯޓުން ވެސް ނިންމީ ގަނެޝް އަށް އެ ފުރުސަތު ދެވެން ނެތް ކަމަށެވެ.
ގަނެޝް ހުއްޓައެއް ނުލައެވެ. ސްކޫލުގެ ޕްރިންސިޕަލް ޑރ. ދަލްޕަތް ބާއީ ކަތާރިޔާ ޤާނޫނީ ހަނގުރާމައިގެ ޚަރަދު ކޮނޑުގައި އެޅީއެވެ. ސުޕްރީމް ކޯޓުން ހަތަރު މަސް ފަހުން ނިންމީ، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު 2016ގެ ދަށުން، އިސްކޮޅަކީ ސަބަބެއް ނޫން ކަމަށެވެ. 2019 ގައި ބަވްނަގަރް މެޑިކަލް ކޮލެޖުގައި ކިޔެވުން ފެށިއެވެ. ސާޖަރީ ޕޯސްޓިންތަކުގައި ކްލާސް ކުދީން އުރައިގެން ގެންގޮސް ފެންނާނެ ތަނެއްގައި ބެހެއްޓީއެވެ. ފަސް އަހަރުގެ ކިޔެވުމާއި އިންޓާންޝިޕް ނިންމައި، 2025 ވަނަ އަހަރުގެ ނޮވެންބަރު 26 ގައި ބަވްނަގަރް ޖެނެރަލް ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރުގެ މަޤާމާ ރަސްމީކޮށް ހަވާލުވީއެވެ.
"ޕެޝަންޓުން ފެންނައިރު ފުރަތަމަ ހައިރާންވެގެން އުޅޭ ނަމަވެސް ފަހުން ބަލައިގަނޭ،" ގަނެޝް ބުނެފައިވެއެވެ. ދެން އޮތް ހުވަފެނަކީ ޑާމެޓޮލޮޖީ ނުވަތަ ޕީޑިއެޓްރިކްސް އިން ސްޕެޝަލައިޒް ވުމެވެ. ނަމަވެސް އެންމެ ބޮޑު ހުވަފެނަކީ، ބައްޕައާއި މަންމައާއި ހަތް ދައްތައާއި ކޮއްކޮ ދިރިއުޅޭ ކައްޗާ ގެ، ވަގުތީ ފާރުތަކެއްގެ ގެ، ރަނގަޅު ގެއަކަށް ބަދަލުކޮށްލުން ކަމަށް އޭނާ ބުނެއެވެ. ތިން ފޫޓުގެ ހަށިގަނޑެއްގެ ތެރެއިން ނެރުނު ޢަޒުމުގެ މި ވާހަކައަކީ، ހުވަފެނުގައި އިސްކޮޅުގެ ހުރަހެއް ނެތްކަން ސާބިތުކޮށްދޭ ޢިބުރަތްތެރި ނަމޫނާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް