ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު - ފޮޓޯ: ދިވެހި ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު (ޓޫފޯ)، ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
މިއީ މި ސަރުކާރުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެއްވި ތިންވަނަ ބޭފުޅާއެވެ. މި ސަރުކާރުގެ ފުރަތަމަ ކޮމިޝަނަރަކީ ޢަލީ ޝުޖާޢެވެ. ޝުޖާޢު 2025 ވަނަ އަހަރުގެ އެޕްރީލް މަހު ރިޓަޔާ ކުރެއްވުމާ ގުޅިގެން ދެވަނައަށް އައްޔަންކުރެއްވީ އިސްމާޢީލް ނަވީނެވެ. ނަވީން ވެސް މި އަހަރުގެ ޖެނުއަރީ މަހު ރިޓަޔާ ކުރެއްވީއެވެ. އޭގެ ފަހުން ވަގުތީ ގޮތުން ފުލުހުންގެ ޚިދުމަތް ހިންގެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.
އަހްމަދު މުހައްމަދަކީ ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭސީޕީގެ ރޭންކުގައި ކްރައިމް ކޮމާންޑުގެ ހެޑްގެ މަޤާމު ފުރުއްވިއެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައި 2021 ވަނަ އަހަރު، ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުން ލަފާ ދީގެން ވަޒީފާއިން ވަކިކުރިއެވެ. އެ ނިންމުމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި އިރު، ހައި ކޯޓުން ވަނީ ވަކިކުރުން ތަންފީޒުކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެފައެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު އައުމާ އެކު އެނބުރި ޚިދުމަތަށް ނުކުމެވަޑައިގެން، 2025 ވަނަ އަހަރު ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ހެޑްގެ މަޤާމު ފުރުއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް