އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިޔާގެ މަގާމަށް އިޝާން އައްޔަންކުރައްވައިފި

މަނީ ލޯންޑަރިންގ އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެމްއެމްއޭގައި ގާއިމުކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފް.އައި.ޔޫ) ގެ އިސްވެރިޔާގެ މަގާމ...

05 Mar 2026 | 09:57
މުޙައްމަދު އިޝާން -

މުޙައްމަދު އިޝާން -

މަނީ ލޯންޑަރިންގ އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެމްއެމްއޭގައި ގާއިމުކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފް.އައި.ޔޫ) ގެ އިސްވެރިޔާގެ މަގާމަށް މުޙައްމަދު އިޝާން މިއަދު އައްޔަންކުރައްވައިފިއެވެ.

އިޝާން މީގެ ކުރިން ހުންނެވީ އެމްއެމްއޭގެ ހެޑް އޮފް ފައިނޭންސްގެ މަގާމުގައެވެ. މި މަގާމަށް އޭނާ ހޮވިވަޑައިގަތީ އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް އެމްއެމްއޭގެ މުވައްޒަފުންގެ ތެރެއިން ހުޅުވާލައި، ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިންޓަވިއުކޮށްގެންނެވެ. އިޝާން އަކީ ތައުލީމީ އަދި ތަޖުރިބާކާރު ޗާޓަރޑް އެކައުންޓަންޓެކެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީ.އައި.އެމް.އޭ) ގެ އެސޯސިއޭޓް މެންބަރެއްގެ އިތުރުން، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ އެފިލިއޭޓް މެންބަރެއް ވެސް މެއެވެ.

2014 ވަނަ އަހަރު އެމްއެމްއޭއާ ގުޅިވަޑައިގެންނެވި އިޝާން ވަނީ އެ މުއައްސަސާގެ އިސް އެކި މަގާމުތައް ފުރުއްވައިފައެވެ. މީގެ ތެރޭގައި ހެޑް އޮފް ކޯޕަރޭޓް އެކައުންޓްސް ސެކްޝަނާއި ހެޑް އޮފް ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން ހިމެނެއެވެ.

އެމްއެމްއޭ އިން ހާމަކުރާ ގޮތުގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގާއިމުކޮށްފައިވާ ޚާއްޞަ ޔުނިޓެކެވެ. ގާނޫނުގައިވާ ގޮތުން އެ ޔުނިޓުގެ އިސްވެރިޔާ އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް