N/A
އެކި ސަބަބުތަކާހުރެ މި ރަމަޟާން މަހު ޢުމްރާއަށް ނުފުރި ތިބި ފަރާތްތަކަށް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، އެކި ގްރޫޕްތަކުގެ ޙަވާލުގައި ޢުމްރާއަށް ދިއުމަށް ނިންމާފައިވަނިކޮށް ފްލައިޓުތައް ކެންސަލްވުމާއި އެ ނޫންވެސް ދަތިތަކާހުރެ ނުފުރިފައި ތިބި ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޚާއްޞަ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފްލައިޓު ޗާޓަރު ކުރެވޭ ގޮތް ވެއްޖެ ނަމަ އެކަން ކުރުމާއި އެކޮމޮޑޭޝަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ. މި ފުރުޞަތުގެ ބޭނުން ހިފަން ބޭނުންވާ ފަރާތްތަކުން މާދަމާ މެންދުރު 12:00ގެ ކުރިން އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ފޮނުވުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިވަގުތާ ހަމައަށް 150 މީހުން ފުރަން ބޭނުންވެފައި ތިބިކަން ފާހަގަކުރެވިފައިވާ ކަމަށާއި، ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެ ނަމަ އިތުރު ފަރާތްތަކަށް ވެސް ޖާގަ ހުރި މިންވަރަކުން ދެވޭނެ ކަމަށެވެ. ވަގުތު ކުޑަތަންވެފައިވުމުން މިކަމުގައި ހުރި ދަތިތައް ޙައްލުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ނުފުރިފައި ތިބި ފަރާތްތައް ފުރުވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޙައްޖު ކޯޕަރޭޝަން އަދި މޯލްޑިވިއަން ގުޅިގެން ކުރަމުންދާ ކަމަށް ވަޒީރު ވަނީ ހާމަކުރައްވައިފައެވެ. ދަތުރުގެ ޚަރަދު ކުރާނީ އެހެންޏާ ވެސް ޢުމްރާ ދަތުރުގައި އޮންނަ އުޞޫލުން ޢުމްރާވެރިން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް