އުމްރާއަށް ފޮނުވުމުގައި މަކަރު ހެދި ކަމުގެ ކުށުގައި ތިން އަހަރަށް ޖަލަށްލި ފާރިޝް ގޭބަންދަށް ބަދަލުކޮށްފި

އުމްރާއަށް ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް ގެއަށް...

05 Mar 2026 | 06:54
މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް -

މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް -

އުމްރާއަށް ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް ގެއަށް ބަދަލުކޮށްފިއެވެ.

ދުވަހަށް މަޢުލޫމާތުދެމުން ކަރެކްޝަންސް އިން ބުނީ އޭނާ ވަގުތީ ގޮތުން ގެއަށް ބަދަލުކުރީ ސިއްހީ ހާލަތާ ގުޅިގެން ކަމަށެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އޭނާ ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މީގެ ދެ ދުވަސް ކުރީންނެވެ.

ފާރިޝްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 48 މީހެއްގެ ޓިކެޓު ގަންނަން އޭސް އޭވިއޭޝަން އަދި އޭޝް ޓްރެވެލް އަށް ފޮނުވި ޗެކްތައް ބައުންސްވި މައްސަލައިގައެވެ. އެ ޗެކްތަކުގައި ޖުމުލަ 546،176 ރުފިޔާ ހިމެނޭ އިރު، ޗެކް ދޫކުރި އިރު ވެސް މަޝްއަރު ކުންފުނީގެ އެކައުންޓުގައި އެ ވަރަށް ފައިސާ ނެތް ކަމަށް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ޝަރީއަތުގައި ފާރިޝް ބުނެފައި ވަނީ މިއީ ކުންފުންޏަކުން ހިންގި މުއާމަލާތެއް ކަމަށާއި، ފައިސާ އަނބުރާ ނުދެވި ވަނީ ނުރަނގަޅު ނިޔަތެއް އޮވެގެން ނޫން ކަމަށެވެ. ނަމަވެސް ގާޒީ އާދަމް މުޙައްމަދު ނިންމެވީ ކުންފުނީގެ ކޮންޓްރޯލް އޮތް ފަރާތަކީ ފާރިޝް ކަމަށާއި، ގެއްލުން ލިބުނު ދެ ކުންފުންޏާ މުއާމަލާތް ކުރި އިރު ވެސް ކަންކަން ފޮރުވައި އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ކޯޓުން ހުކުމްކޮށްފައި ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ފާރިޝް ޖަލަށް ލުމަށާއި، ގެއްލުން ލިބުނު ދެ ކުންފުންޏަށް ޖުމުލަ 406،321.93 ރުފިޔާ ދެ އަހަރު ތެރޭގައި ދެއްކުމަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވާ ގޮތުގައި ފާރިޝް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072 ރުފިޔާ އާއި 8،100 އެމެރިކާ ޑޮލަރެވެ. މީގެ އިތުރުން ފާރިޝްގެ މައްޗަށް ޓެކުމުގެ ހަ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެއް ވެސް އުފުލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް