އަބްރާރް ކުންފުނިން އުމްރާ ކެންސަލް ކުރީ މަގުބޫލު އުޒުރެއް ނެތި - ހުއްދަ ހިފަހައްޓައިފީމު: މިނިސްޓްރީ

ރަމަޟާން ޢުމްރާ ދަތުރެއް މަގުބޫލު ސަބަބެއް ނެތި ކެންސަލްކުރި ކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ނެ...

05 Mar 2026 | 04:55
ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އައްފާން - ފޮޓޯ: ދުވަސް

ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އައްފާން - ފޮޓޯ: ދުވަސް

ރަމަޟާން ޢުމްރާ ދަތުރެއް މަގުބޫލު ސަބަބެއް ނެތި ކެންސަލްކުރި ކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ އަލް އަބްރާރް ކުންފުނިން މާރިޗް ތިނަކުން 26 ގެ ނިޔަލަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރަން ހަމަޖެއްސި ރަމަޟާން ޢުމްރާ ދަތުރު، ފުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް ކެންސަލްކޮށްފައިވާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. މައްސަލަ ބެލިބެލުމުގައި އެ ދަތުރު ކެންސަލްކޮށްފައިވަނީ މަގުބޫލު އެއްވެސް ސަބަބެއް ނެތި، އުސޫލާ ޚިލާފަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ސަބަބާ ގުޅިގެން އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައި، އެކަން މިހާރު އެ ކުންފުންޏަށް އަންގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

މި މައްސަލައާ ގުޅިގެން އެ ކުންފުނީގެ ޢުމްރާވެރިންގެ ތެރެއިން މިހާތަނަށް ނުފުރިފައި ތިބި ޢުމްރާވެރިންނަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ގޮތްތައް ބަލައި، އެ ޚިދުމަތް ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް