ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ މާރިޗު މަހުން ފެށިގެން، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު، ނޫސްވެރިންނާ
ބައްދަލުކުރައްވާނޭކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި
ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ
ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ
އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ދަތުރެއް ކުރަން ޖެހިވަޑައިގަތުން ނުވަތަ ބަންދު ދުވަހަކާ
ދިމާވުން، ނުވަތަ އެ ނޫންވެސް ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ
ހިނދަކު، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް، އެމަނިކުފާނު
ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަމަށެވެ. އަދި ހަމަ އެހެންމެ، މި އަހަރުގެ މާރިޗު
މަހުން ފެށިގެން، ކެބިނެޓުގެ ކޮންމެ ވަޒީރަކު ވެސް، ހަފުތާއަކު އެއް ފަހަރު، އެއް ގަޑިއިރަށް
ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި ބައްދަލުވުންތަކުގެ
ތާވަލު ރައީސް އޮފީހުން ހާމަކުރައްވަމުން ގެންދަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް
އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ސާފުކުރައްވަން ބޭނުންފުޅުވާ
މަޢުލޫމާތެއް ވާނަމަ، އެކަމަށް އެދި ފޯމު ހުށަހެޅުމުން، ޤާނޫނީ ހުދޫދުގެ ތެރެއިން ހާމަކުރެވެން
އޮތް އެންމެ ފުޅާ މިނެއްގައި، ސަރުކާރުގެ ހުރިހާ އިދާރާއަކުން ދަނީ މައުލޫމާތު ހާމަކުރައްވަމުން
ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ވުޒާރާތަކަށް
ފޮނުވި އާރް.ޓީ.އައި 93 އިންސައްތައަށް ވަނީ ޖަވާބުދީ ނިމިފައިކަމަށާއި، ޖަވާބު ތައްޔާރުކުރުމުގެ
އެކި މަރުހަލާތަކުގައި އެއްކުރަންޖެހޭ އިތުރު މަޢުލޫމާތު ހުރުމާއި، އެކި ސަބަބުތަކާހުރެ
ވަގުތު އިތުރުކުރަންޖެހުމުގެ ސަބަބުން އަދި ޖަވާބު ނުދެވި ހުރި އާރް.ޓީ.އައި ފޯމުތަކަށް
ވެސް ދަނީ ޖަވާބުތައް ތައްޔާރުވަމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ޚަބަރުފަތުރާ ވަސީލަތްތަކާއި މީސްމީޑިއާގެ މަންސަތައް މެދުވެރިކޮށްގެންވެސް
ސަރުކާރުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދެމުން ގެންދާކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް