ޕީއެންސީ ދާއިރާ އިންތިޚާބު ހޮނިހިރު ދުވަހު - 2,500 އަށް ވުރެ ގިނަ މަޤާމު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވާ އިރު، އިންތިޚާބީ އެކި މަޤާމުތަކުގައި 2,500 އަށް ވުރެ ގިނަ މެންބަރުން ހަރަކާތްތެރިވާނެ ކަމަށް އެ ޕާޓީން ...

04 Jul 2026 | 14:17
N/A

N/A

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވާ އިރު، އިންތިޚާބީ އެކި މަޤާމުތަކުގައި 2,500 އަށް ވުރެ ގިނަ މެންބަރުން ހަރަކާތްތެރިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު 30 ޖޫންގައި ހަމަވެ، އެޕްލިކޭޝަންތައް ބަލައި ނިމިފައިވާ ކަމަށެވެ. ވޯޓުލުން ކުރިއަށް ދާނީ 131 ރަށު ދާއިރާގައި ކަމަށާއި، ވޯޓާސް ލިސްޓު މިހާރު ވަނީ އާންމުކޮށްފައި ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

މި އިންތިޚާބުގައި ކޮންމެ ދާއިރާއެއްގެ ރައީސާއި ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުންގެ ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިޚާބު ކުރާނެއެވެ. ނަމަވެސް ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ތިއްބެވި މެންބަރުން އެ ދާއިރާތަކުގެ ރައީސުންގެ ގޮތުގައި ހިންގާ ޤަވާއިދުން ކަނޑައަޅާފައިވާތީ، ދާއިރާ ރައީސް އިންތިޚާބު ކުރާނީ މަޖިލީހުގައި ޕީއެންސީ މެންބަރަކު ނެތް ދާއިރާތަކުގައި އެކަންޏެވެ.

ފިރުޒުލް ވިދާޅުވީ "މުޅި ރާއްޖޭގައި މި އިންތިޚާބުގެ ކަންކަން ނިމިގެން ދާ އިރު އިންތިޚާބީ އެކި މަޤާމުތަކުގައި 2,500 އަށް ވުރެ ގިނަ ފަރާތް ރުކުރުވާލެވޭނެ" ކަމަށާއި "މިއީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް" ކަމަށެވެ.

ވޯޓު ލެވޭނީ މިދިޔަ ޖޫން 15 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި ޕީއެންސީގެ ނަމުގައި ދަފްތަރުވެފައިވާ މެންބަރުންނަށް އެކަންޏެވެ. ޕީއެންސީގެ މަތީ މަޖިލީސް ސެޕްޓެންބަރު 15 އިން 18 އަށް ބާއްވާ ގޮތަށް ހަމަޖެހިފައިވާތީ، އޭގެ ކުރިން ދާއިރާތަކުގެ އިންތިޚާބުގެ ކަންކަން ނިންމުމަށް ޕާޓީން ވަނީ އަމާޒު ހިފައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް