މަސްތުވާތަކެތީގެ ރީހެބިލިޓޭޝަން ނިޒާމު ބިނާވާންވާނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް: ރައީސް

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމަށް ހިންގާ ރީހެބިލިޓޭޝަން ނިޒާމަކީ މުޖުތަމައުގެ ބައިވެރިވުމާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ހިންގޭ ނިޒާމަކަށް ވާންޖެހޭ ކަމަށް ރައީސުލ...

04 Jul 2026 | 05:17
ފޮޓޯ: ރައީސް އޮފީސް.

ފޮޓޯ: ރައީސް އޮފީސް.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމަށް ހިންގާ ރީހެބިލިޓޭޝަން ނިޒާމަކީ މުޖުތަމައުގެ ބައިވެރިވުމާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ހިންގޭ ނިޒާމަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑަށް މޫލާފައި އޮތް ޒަމާންވީ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެންމެ ބޮޑަށް އިސްކަން ދެނީ މައްސަލައިގެ އެންމެ އަޑީގައި ހުރި ކަންކަން ހައްލުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ މަތިމަތިން ސުޕަފިޝަލް ގޮތަކަށް ކުޑަކުޑަ ގޮތަކަށް ކަމެއް ކޮށްލައިގެން ވާވަރު ކަމެއް ނޫން. މަސްތުވާތަކެތީގެ މައްސަލަ ޤައުމުން ފޮހެލާ ކަމަށްވަންޏާ ހަޤީޤީ ރޫޓް ކޯޒް ތަކަށް ދާން ޖެހޭނެ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި ވަބާގައި ޖެހިފައި ތިބި ކުދިން އެކަމުން ސަލާމަތްކޮށް އަބުރުވެރި ދިރިއުޅުމެއް ބިނާކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ރީހެބިލިޓޭޓްވެގެން ނުކުންނަ ކުއްޖާ އަނބުރާ މަސްތުވާތަކެއްޗަށް ނުދާނެ ކަމުގެ ޔަގީންކަން އެ ނިޒާމުގެ ތެރެއިން ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެ. މި ކަމުގައި އާއިލާތަކުން ފެށިގެން މަދަނީ ޖަމިއްޔާތަކާއި ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރު ވެސް ރާއްޖޭގެ 3 ރަށެއްގައި ރީހެބިލިޓޭޝަން މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި މުޅި ނިޒާމަށް ދާއިމީ އަދި ޒަމާނީ ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް